ކ. ކާށިދޫގައި ޕޮލިސް ސާޖަންޓް އާދަމް ހަލީމަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލާގައި، ކ. ކާށިދޫ، ސުވާސާގެ، މުހައްމަދު ސަމާހުގެ މެރުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ޕޮލިސް ސާޖަންޓު އާދަމް ހަލީމަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލާގައި، ސަމާހުގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ ސާބިތުވާ ކަމަށް މިދިޔަ މަހުގެ 29 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވެ އެވެ.
މި މައްސަލާގައި މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި އާދަމް ހަލީމްގެ ވާރިސުންގެ ހެކިބަސްނެގުން ކުރިއަށްގެންގޮސްފައިވެ އެވެ.
އެ ގޮތުން އާދަމް ހަލީމްގެ ވާރިސުންގެ ގޮތުގައި ތިބީ މަންމަ އާއި ބައްޕަ އާއި އަނބިމީހާ އާއި ދަރިއެކެވެ. އެ މީހުންގެ ތެރެއިން އާދަމް ޙަލީމްގެ މަންމަ އާއި ބައްޕަ އާއި އަނބިމީހާ މިއަދު ޝަރީއަތުގެ މަޖިލީހުގައި ހެކިބަސްދެމުން އާދަމް ހަލީމްގެ މަރުގެ ބަދަލުގައި ޤިސާސް ހިފަން ބޭނުންވާކަމަށް ބުނެފައިވެ އެވެ.
އެހެންކަމުން އާދަމް ހަލީމްގެ ގާތިލު މުހައްމަދު ސަމާހު މެރުމަށް މިއަދު ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.
މި މައްސަލާގައި މުހައްމަދު ސަމާހުގެ މައްޗަށް ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ އެންމެ ފުރަތަމަ ކްރިމިނަލް ކޯޓަށް ހުށަހެޅީ ޖުލައި 29، 2012ގަ އެވެ.
އެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި ޖެނުއަރީ 14، 2013 ވަނަ ދުވަހު މުހައްމަދު ސަމާހު މެރުމަށް އެކޯޓުން ހުކުމްކޮށްފައިވެ އެވެ.
އެ ހުކުމަކީ ނިހާއީ ހުކުމެއްކަން ކަށަވަރުކުރުމަށް ހައިކޯޓަށް ހުށަހެޅުމުން، މުހައްމަދު ސަމާހު މެރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ ޝަރުއީ އަދި ގާނޫނީ ހަމަތަކާ އެއްގޮތަށް ކަމަށް ސެޕްޓެމްބަރު 30، 2020 ވަނަ ދުވަހު އެ ކޯޓުން ނިންމި އެވެ.
އެ ނިންމުން މުހައްމަދު ސަމާހުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން، ކްރިމިނަލް ކޯޓާއި ހައިކޯޓުގެ ހުކުމް ބާތިލުކޮށް، މައްސަލަ އަލުން ބެލުމަށް ދަށު ކޯޓަށް ތަޙްވީލުކުރުމަށް ސެޕްޓެމްބަރު 23، 2024 ވަނަ ދުވަހު ނިންމާފައިވެ އެވެ. މިއަދު ކްރިމިނަލް ކޯޓުން ޙުކުމް ކުރީ، ތަޙްވީލުކުރުމާ ގުޅިގެން މައްސަލަ އަލުން ބެލުމަށް ފަހު އެވެ.
ކުށުގެ އަދަބެއްގެ ގޮތުން ކުށްވެރިޔާ މެރުމަށް ކޯޓުން ހުކުމް ކޮށްފިނަމަ، އެ ހުކުމްގެ ހުރިހާ ގާނޫނީ ނުކުތާތަކާއި މައްސަލާގައި ކަންހިނގާފައިވާ ގޮތް ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން އަލުން ބަލަންވާނެ ކަމަށް ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 1204 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވެ އެވެ.
އެހެންކަމުން މުޙައްމަދު ސަމާޙު މެރުމަށް މިއަދު ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ތަންފީޒު ކުރުމުގެ ކުރިން، ނިހާއީ ޙުކުމެއްކަން ކަށަވަރުކުރުމުގެ އިޖުރާއަތްތައް ކުރިއަށްގެންދެވޭނެ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެ އެވެ.




