ހޮނިހިރު ދުވަހު ބާއްވާ އިންތިހާބާއި ހިޔާލު ހޯދުމުގެ ވޯޓަށް 888،845 ވޯޓު ކަރުދާސް ޗާޕުކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އަދި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓަށް ޗާޕުކުރި ވޯޓު ކަރުދާހުގެ ތަފުސީލު ހާމަކޮށްފަ އެވެ.
ވޯޓު ކަރުދާސް ޗާޕުުރި އަދަދު
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2026 – 297،959
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 – 292،706
ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 – 298،180
އީސީން ބުނި ގޮތުގައި ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އަދި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުގައި، ޖުމްލަ 299,876 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެ އެވެ. އޭގެތެރޭގައި ހިމެނެނީ 144,506 އަންހެނުންނާއި 150,370 ފިރިހެނުންނެވެ.
ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި 225 ދާއިރާއަކަށް 1,356 މެންބަރުން އިންތިހާބު ކުރާނެ އެވެ. މި އިންތިހާބުތައް ކުރިއަށްގެން ދިއުމަށް، އަތޮޅުތެރެ، ރިސޯޓު، ޖަލު އަދި މާލޭ ސަރަހައްދުގައި ޖުމްލަ 588 ވޯޓު ފޮށި ބަހައްޓާނެ އެވެ.
އިންތިހާބާއި ހިޔާލު ހޯދުމުގެ ވޯޓު ނެގުން ކުރިއަށްދާނީ ހޮނިހިރު ދުވަހު ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ.




