ދިވެހިރާއްޖޭގައި އެކި ދާއިރާތަކުގައި ހިދުމަތްކުރާ ދޭސީ އަދި ބިދޭސީ މަސައްކަތްތެރީންގެ ހައްގުތައް ރައްކާތެރިކޮށްދިނުމާއެކު، މަސައްކަތްތެރިކަން ކުރިއެރުވުމުގައި ސަރުކާރުން ގެންގުޅެނީ ވަށައިޖެހޭ، އަދުލުވެރި ސިޔާސަތެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ މަސައްކަތްތެރީންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިތާބުގައެވެ.
އެމަނިކުފާނު ވިދާޅުވީ ސްކޫލް ދަރިވަރުންނަށް މަސައްކަތް ދަސްކޮށްދިނުމަށް ހާއްސަ ސަމާލުކަމެއްދީ، ރާއްޖޭގެ ފުރަތަމަ ވޮކޭޝަނަލް ހައިސްކޫލް ގާއިމުކޮށް، ގައުމަށް މުހިއްމު އެކި ދާއިރާތަކުން މީހުން ތަމްރީނުކުރުމުގެ ޕްރޮގްރާމްތައް ފަށައި، އެކި ބާވަތުގެ ފަންނާއި ހުނަރު ކުރިއެރުވުމަށް ސަރުކާރުން ހިލޭ އެހީ އާއި ލުއިލޯނު ދިނުން އިތުރުކޮށްފައިވާ ކަމަށެވެ. އަދި ދިވެހި އުފެއްދުންތަކަށް ދުނިޔޭގެ ބާޒާރުން ޖާގަ ހޯދައިދިނުމަށް ސަރުކާރުން އިސްނަގައިގެން ބޮޑެތި އީ-ކޮމާސް މަންސަތަކާއެކު ފެށި މަސައްކަތުގެ މޭވާ ލިބެން ފަށާފައިވާ ކަމުގައި ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ގާނޫނަށް ފައްތައި ބެލެހެއްޓުމުގައި މިދިޔަ އެއްވެސް ސަރުކާރަކުން ނާޅާ ފަދަ ހަރުދަނާ ފިޔަވަޅުތައް މި ސަރުކާރުން އަޅާފައިވާނެ ކަމަށެވެ. އަދި ދިވެހީންނަށް ނޫނީ ރާއްޖޭގައި ނުކުރެވޭނެ މަސައްކަތްތަކާއި އަދާނުކުރެވޭނެ ވަޒީފާތައް ކަނޑައަޅައި، އެކަން ތަންފީޒު ކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުންދާކަންވެސް ރައީސްގެ ހިތާބުގައި ފާހަގަކުރެއްވިއެވެ. އަދި ރިޔާސީ ވައުދުފުޅާ އެއްގޮތަށް އުމުރުން 65 އަހަރުވުމަށް ފަހުވެސް ވަޒީފާއަދާކުރަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ހުޅުވާލެވިފައިވާނެ ކަމަށްވެސް ވިދާޅުވި އެވެ.
މި ސަރުކާރަކީ އެންމެ ގިނަ މަސައްކަތްތެރީންނާ ސީދާ ބައްދަލުކޮށް، އެފަރާތްތަކުގެ ކަންބޮޑުވުން އެންމެ ގިނައިން އަޑުއެހި ސަރުކާރު ކަންވެސް ރައީސް ފާހަގަކުރެއްވި އެވެ. އަދި އެކި ފަންތީގެ މަސައްކަތްތެރީންނަށް، އެތައް އަހަރެއް ވަންދެން ހައްލު ނުލިބިފައި ހުރި މައްސަލަތަކަށް ހައްލު ހޯއްދަވައިދެވިފައިވާ ކަމުގައިވެސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ކާބަފައިން ބިނާކުރި ދިވެހިވަންތަ ހަޟާރަތުގައި، މަސައްކަތްތެރިކަމާއި ހުނަރުވެރިކަމާއި މުރާލިކަމުގެ އެތައްހާސް ނަމޫނާއެއް ފެންނާން އެބަހުރި ކަމަށެވެ. އަދި ޒަމާނާ އެކު ބަދަލުވެ، ބަވަނަވަމުންދާ ދުނިޔޭގައި އުފެއްދުންތެރި، މަސައްކަތްތެރި، ވަރުގަދަ އިގުތިސާދެއްގެވެރި ބައެއްގެ ގޮތުގައި ދިވެހީން ދެމިތިބުމަކީ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކޮށް ދެމެހެއްޓުމަށް މުހިއްމު ރުކުނެއް ކަމުގައިވެސް ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޚިތާބު ނިންމަވާލެއްވީ ވަޒީފާ އާއި މަސައްކަތުގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން ކުރާ މަސައްކަތްތަކުގައި ދިވެހި ހުރިހާ ރައްޔިތުން އެއްބާރުލުންދީ، މަސައްކަތެއް ކުރެވޭނެ ކެރިކުޅަދާނަކަންހުރި ކޮންމެ ދިވެހި ރައްޔިތަކު އަމަލީ މައިދާނަށް ނިކުތުމަށް އިލްތިމާސްކުރައްވަމުންނެވެ.




