ގައުމީ މަޖިލިސް ގަބޫލުނަމަ، ވަގުތީ ޗެއާޕާސަނަކަށް ވާން ބޭނުން: ނަޝީދު

އެމްޑީޕީގެ ޗެެއާޕާސަން އިންތިހާބު ފަސްކޮށް އިންތިގާލީ އިންތިޒާމެއް ހަމަޖައްސަން ވަގުތީ ޗެއާޕާސަން އަބްދުލްގަފޫރު މޫސާ ހުށަހެޅުއްވުމާ އެކު ކުރީގެ ރައީސް މުހައްމަދު ނަޝީދު އެޕާޓީގެ ލީޑަޝިޕާ ހަވާލުވެވަޑައިގަންނަވަން ޝައުގުވެރިކަން ފާޅުކުރައްވައިފި އެވެ.

އެމްޑީޕީން ޗެއާޕާސަން ހޮވުމުގެ އިންތިހާބު ބާއްވަން ނިންމާފައި ވަނީ އަންނަ ޖޫން މަހުގެ 12 ގައެވެ.

ނަމަވެސް ސަރުކާރުން ދޭން ޖެހޭ ފައިސާ އަދި ލިބިފައި ނެތުމާއި، ސަރުކާރު ޖަވާބުދާރީކުރުވުމަށް މިވަގުތު ހުރަސްއެޅޭ ކަމަށް ބުނެ، އެމްޑީޕީ ޗެއާޕާސަންގެ އިންތިހާބު ފަސްކުރަން ވަގުތީ ޗެއާޕާސަން އަބްދުލްގަފޫރު މޫސާ (ގަޕޯ) މިރޭ ވަނީ ހުށަހަޅުއްވައިފި އެވެ.

އިންތިހާބު ފަސްކުރަން އެދިވަޑައިގަންނަވާ ސަބަބަކަށް ގަފޫރު ވިދާޅުވީ:

 

އިންތިހާބު މިވަގުތު ބާއްވައިފި ނަމަ ޕާޓީގެ އެތެރޭގެ މަސްލަަހަތު ގެއްލި ސަރުކާރު ޖަވާބުދާރީކުރުވަން ހުރަސްތަކެއް ކުރިމަތިވާނެތީ

މި އަހަރު ސަރުކާރުން ލިބެންޖެހޭ އެއްވެސް ފައިސާއެއް ޕާޓީއަށް ލިބިފައިނުވާތީ ޕާޓީ ހިންގުމަށާއި އިންތިހާބު ބާއްވަން އެއްވެސް ފައިސާއެއް ނެތުމުން

 

އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ގައުމީ މަޖިލިހުގެ މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕްގައި މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ރާއީ ވިދާޅުވީ މިވަގުތު ޕާޓީ ހިންގުމަށް ނަގާފައިވާ އިސް ލީޑަރުންނާއި ގައުމީ މަޖިލިސް އެދޭ ކަމަށްވާ ނަމަ، ރިޔާސީ ޕްރައިމަރީއާ ހަމައަށް ޕާޓީގެ ވަގުތީ ޗެއާޕާސަން ކަމާ ނަޝީދު ހަވާލުވާން ފެނިވަޑައިގަންނަވާ ކަމަށެވެ. ނަޝީދު ވަނީ ރާއީގެ އެ ޕޯސްޓަށް ތާއީދު ކުރައްވައިފަ އެވެ.

ހަމަ އެ ގްރޫޕަށް ނަޝީދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ގައުމީ މަޖިލިސް ގަބޫލު ނަމަ، ވަގުތީ ޗެއާޕާސަންކަން ކުރުމަށް އެމަނިކުފާނުގެ އިއުތިރާޒެއް ނެތް ކަމަށެވެ.

"ގައުމީ މަޖިލިސް އެދޭ ނަަމަ ވަގުތީ ޗެއާޕާސަންކަން ކުރުމަށް އަޅުގަނޑު އިއުތިރާޒެއް ނެތް،" ރާއީއަށް ޖަވާބުދެއްވަމުން ނަޝީދު ވިދާޅުވި އެވެ.

ގަފޫރުގެ ހުށަހެޅުއްވުމާ އެއްގޮތަށް، އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު ފަސްކޮށްފި ނަމަ، އެއީ އެ އިންތިހާބު ފަސްކުރާ ދެވަނަ ފަހަރަށް ވާނެ އެވެ. އެ އިންތިހާބު ފަސްކުރަން މިދިޔަ ޑިސެމްބަރު މަހު އެ ޕާޓީގެ ގައުމީ މަޖިލީހުން ފާސްކުރީ ލޯކަލް ކައުންސިލް އިންތިހާބަށް ވުރެ ފަހުން ބޭއްވުމުގެ ބޭނުމުގަ އެވެ.

ގަފޫރުގެ ހުށަހެޅުއްވުމަށް ޗެއާޕާސަން އިންތިހާބުގައި ވާދަ ކުރައްވާ މީކާއިލް މިރޭ ވަނީ ދެކޮޅު ހައްދަވާފަ އެވެ.

 

އިތުރަށް ކިޔާލަން: ސިޔާސީ ޕާޓީ ހިންގުން މިނިވަން ކުރުން، ކޮންމެހެން ބޭނުން ބަދަލެއް!

މީކާއިލް ކުރެއްވި ޕޯސްޓް ކޯޓްކުރައްވައި ނަޝީދާ އެކު ކެމްޕޭނަށް ނުކުންނަވާފައިވާ ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވީ އިންތިހާބު ފަސްކުރާން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

އަދި އިންތިހާބު ބާއްވަން ބޭނުންވާ ފައިސާ ޕާޓީގައި ނެތް ކަމަށް ޣަފޫރު ވިދާޅުވެފައި ވާތީ ފައްޔާޒް ވަނީ ފައިސާ ވެސް ހޯދޭނެ ކަމަށް ވިދާޅުވެފަ އެވެ.

"އިންތހާބު ލަސްކުރާން ޖެހޭ އެއްވެސް ސަބަބެއް ނެތް. ފައިސާ ވެސް ހޯދޭނެ. އިންތިހާބު އަވަސްކުރަންވީ،" ފައްޔާޒް ލިޔުއްވާފައިވެ އެވެ.

އިންތިހާބަށް ނަޝީދައި މީކައިލް ގެންދަވަނީ ފޯރީގައި ކެމްޕެއިންކޮށް ބަހުގެ ހަމަލާތައް ބަދަލު ކުރަމުންނެވެ. އެމްޑީޕީގައި ދެ ޕެކްޝަން އުފެދިފައިވާއިރު ރައީސް ސާލިހާ މަޖިލީހުގައި ތިބި އެމްޑީޕީގެ ހުރިހާ މެމްބަރުން ވަނީ ޗެއާޕާސަން އިންތިހާބުގައި މީކާއިލް އަށް ތާއީދުކުރަން ނިންމިކަން ހާމަކޮށްފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *