އީޔޫ އާއި ބެލްޖިއަމްގެ ސަފީރުކަމަށް ދިޔާނާއަށް ރުހުން ދީފި

ޔޫރަޕިއަން ޔޫނިއަން (އީޔޫ)އާއި ބެލްޖިއަމަށް ރާއްޖޭން ކަނޑައަޅާ ސަފީރު ކަމަށް ކުރީގެ ބަންޑާރަނައިބު ފާތިމަތު ދިޔާނާ ސައީދު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދިޔާނާ ސަފީރު ކަމަށް އައްޔަންކުރުމަށް ރުހުން ދިނުމަށް ފާސްވީ ވޯޓުގައި ބައިވެރިވި 57 މެންބަރުންގެ އިއްތިފާގުންނެވެ.

ދިޔާނާއަށް ރުހުން ހޯދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ހުށަހެޅުއްވީ މިމަހުގެ 7 ވަނަ ދުވަހު އެވެ. އެ މައްސަލަ ދިރާސާކުރީ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީންނެވެ.

ސަފީރު ކަމަށް ދިޔާނާއަށް މިއަދު ރުހުން ދިންއިރު އޭނާ މިވަގުތު ހުންނެވީ ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖްގެ މަގާމުގައެވެ. ދިޔާނާ އެ މަގާމަށް އައްޔަންކުރެއްވީ މި އަހަރުގެ އޭޕްރިލް މަހު އެވެ.

ދިޔާނާ ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އެޓާނީ ޖެނެރަލްގެ މަގާމު އަދާކުރައްވާފަ އެވެ. އަދި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައި ޖެންޑާ މިނިސްޓަރުކަންވެސް ކުރެއްވި އެވެ. މީގެއިތުރު ސާކްގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމުވެސް ފުރުއްވި އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *