އެސްޓީއޯއަށް މި އަހަރުގެ ދެވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
އެސްޓީއޯއަށް މި އަހަރުގެ ދެވަނަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި 6.98 ބިލިއަން ރުފިޔާ ލިބުނެވެ.
މިއީ މީގެ ކުރީ ކުއާޓަރަށްވުރެ 27 އިންސައްތައިގެ އިތުރުވުމެކެވެ.
އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބެެއްގެ ގޮތުގައި އެސްޓީއޯ އިން ފާހަގަކުރީ މެދުއިރުމަތީ ހަނގުރާމައާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މަތިވުމެވެ.
އެ ގޮތުން ތެލުގެ އަގު މަތިވުމާއިއެކު އާމްދަނީ އިތުރުވި ނަމަވެސް، ދިވެހިރާއްޖޭގެ ބާޒާރުގައި ތެލުގެ އަގު ކޮންޓްރޯލް ކުރުމުގެގޮތުން ސަރުކާރާއި އެސްޓީއޯއިން ކުރި މަސައްކަތުގެ ނަތީޖާއިން ރައްޔިތުންނަށް ފޯރުކޮށްދޭ ތެލުގެ އަގުތައް ނިސްބަތުން މަތިނުކޮށް ހިފެހެއްޓުމުގެ ނަތީޖާއެއްގެ ގޮތުން ތެލުގެ މާޖިން ކުޑަވެ ތެލުގެ ވިޔަފާރިން ލިބުނު ޖުމްލަ ފައިދާ ދަށް ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.
ނަމަވެސް، ކުންފުނީގެ އެހެނިހެން ވިޔަފާރިން ލިބުނު ފައިދާ އިތުރުވުމާއިއެކު، ޖުމްލަ ފައިދާއަށް ކުރި އަސަރުވަނީ ކުޑަކުރެވިފައެވެ.
އެގޮތުން، މި ކުއާޓަރުގައި ޖުމްލަ ފައިދާގެ ގޮތުގައި ލިބިފައިވަނީ 757 މިލިއަން ރުފިޔާއެވެ.
ޖުމްލަ ފައިދާ ދަށްވި ނަމަވެސް އިދާރީ ހިންގުމާއި ފައިނޭންސް ކުރުމަށް ކުރެވުނު ހަރަދު މެނޭޖްކުރުމާއިއެކު ދެވަނަ ކުއާޓަރުގައި ޓެކުހަށް ކެނޑުމުގެ ކުރިން ފައިދާގެ ގޮތުގައި ވަނީ 335 މިލިއަން ރުފިޔާ ލިބިފައެވެ. ޓެކުހަށް ކެނޑުމަށްފަހު، މި ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ވަނީ 280 މިލިއަން ރުފިޔާ ލިބިފައެވެ.




