ޝޯ ކެންސަލްކުރުމުން އާޒިމު ފާޑުވިދާޅުވެއްޖެ

އޮސްޓްރޭލިއާގެ މިއުޒިކް ބޭންޑް "ބިޔޯން އަގެއިން" އިން މާލޭގައި ބާއްވަން ނިންމި ޝޯ، ސަރުކާރުން އަންގައިގެން ކުއްލިއަކަށް ކެންސަލް ކޮށްފައިވާ ކަމަށް ވިދާޅުވެ މާލޭގެ މޭޔަރު އާދަމް އާޒިމް އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މޭޔަރު އާޒިމު ވިދާޅުވީ، ބޭރު ދުނިޔެއަށް ރާއްޖެ ވަރަށް ބޮޑަށް އިޝްތިހާރު ކުރުމަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައި އަދި މާލެ ސިޓީވެސް ވަރަށް ބޮޑަށް އިޝްތިހާރުވެ، ވިޔަފާރިތަކަށް ބޮޑު ފައިދާއެއް ވާނެ ކަމަށް ބެލެވުނު ޝޯއެއް އެއްވެސް ސަބަބެއް ނެތި ހުއްޓުވުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

މޭޔަރު ވިދާޅުވީ މިފަދަ ހަރަކާތްތަކަކީ ގައުމުގެ ވިޔަފާރިއާއި އިގްތިސާދަށް ނުހަނު ހެޔޮ އަސަރުކޮށް، އިޖުތިމާއީ ގުޅުން ބަދަހިވެގެންދާނެ ފުރުސަތުތަކެއް ކަމަށެވެ.

"މިކަންކަމަށް އެއްގޮތަކަށްވެސް ވިސްނައިނުލައި، މިހައި ޣައިރުޒިންމާދާރުކޮށް މިކަން ހުއްޓުވުމަކީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ކަމަށް އަޅުގަނޑު ނުދެކެން،" އާޒިމު ވިދާޅުވި އެވެ.

ސަރުކާރުގެ ފަރާތުން ޔޫތު މިނިސްޓަރު އަބްދުﷲ ރާފިއު މިއަދު ވިދާޅުވީ އެ ޝޯ ކެންސަލް ކުރަން ސަރުކާރުން އެއްވެސް ފަރާތަކަށް އަންގާފައި ނުވާނެ ކަމަށެވެ. ނަމަވެސް އެ ޝޯ ބާއްވަން ނިންމާފައިވަނީ ޒުވާނުންގެ މަރުކަޒުގައި ކަމަށްވެފައި އެ ތަނުގައި މަރާމާތުތަކެއް މިވަގުތު ކުރަންޖެހިފައިވާތީ ބޭންޑަށް އެކަން އެންގުމުން ޝޯ ކެންސަލް ކުރީ ބޭންޑުން އަމިއްލައަށް ކަމަށްވެސް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ސަރުކާރުން ވަނީ ހުޅުމާލެއާއި ފޭދޫ ފިނޮޅުގައި ޝޯ ބާއްވަން ހުށަހަޅައި އެކަމަށް މަސައްކަތްކޮށްފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *