އައްޑޫ ސިޓީގެ އިހްތިސާޞުން ވަކިކޮށްފައިވާ ސަވާހެލި ސިޓީ ކައުންސިލާ ހަވާލުކުރުމަށް އައްޑޫގެ މޭޔަރު އަލީ ނިޒާރު ގޮވާލައްވައިފި އެވެ.
ނޫސްވެރިންނާ މިއަދު ބައްދަލުކުރައްވާ މޭޔަރު ނިޒާރު ވިދާޅުވީ އައްޑޫ ސިޓީ ކައުންސިލްގެ އިހްތިސާސުން ސަވާހެލި ވަކިކުރީ ސަރުކާރުގެ ރަސްމީ ގަޑީގެ ބޭރުން "ނިދަން އަރާފައި" އޮއްވާ ކަމަށެވެ. އެކަންކުރީ ކައުންސިލުން ވަރަށް ނުރުހޭ ގޮތަކަށް ކަމަށާއި އަދި އެކަން ކުރި ގޮތުން ވަރަށް ބޮޑަށް ހައިރާންވި ކަމަށްވެސް ވިދާޅުވި އެވެ.
ނިޒާރު ވިދާޅުވީ ސަވާހެލި އަކީ އައްޑޫ ރައްޔިތުންގެ ތަނަކަށް ވެފައި އެތަން އަތުލުމަކީ އައްޑޫގެ ތަރައްގީއަށް ހުރަސްއެޅުން ކަމަށެވެ.
މޭޔަރު ވިދާޅުވީ އައްޑޫ ސިޓީ ކައުންސިލުން ސަަވާހެލި ވަކިކުރީ އެތަން ތަރައްގީކުރަން ނިންމާ ބައެއް މަސައްކަތްތައް ބީލަމަށްލާފައިވާތީ ބައެއް ފަރާތްތަކުން ބިޑް ޑޮކިއުމަންޓްވެސް ގަނެފައި ވަނިކޮށް ކަމަށެވެ. އެހެންވެ އެރަށް ވީހާވެސް އަވަހަށް ކައުންސިލާ ހަވާލުކުރުމަށްވެސް މޭޔަރު ގޮވާލެއްވި އެވެ.
"އެތަން ކައުންސިލާ ހަވާލުކޮށްފިނަމަ އެތަން ތަރައްގީކޮށްދޭނެކަމުގެ 100 ޕަަަސެންޓް ޔަގީންކަން ދެން،" ނިޒާރު ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ގަރާރަކުން އައްޑޫ ސިޓީގެ އިހްތިސާޞުން ސަވާހެލި ވަކިކުރެއްވީ މިމަހުގެ 22 ވަނަ ދުވަހު އެވެ.
ރައީސް އޮފީހުން ބުނީ އެ ބަދަލު ގެނައީ ފަތުރުވެރިކަމުގެ ބޭނުމަށް އެ ސަރަހައްދު ތަރައްގީކުރަން ނިންމާފައިވާތީ ކަމަށެވެ.
އައްޑޫ ސިޓީގައި ފަތުރުވެރިކަން ތަރައްގީކޮށް ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމަކީ ރައީސް މުއިއްޒު އައްޑޫ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދެކެވެ.




