ޑީޖީޖީ X ޕޮއިންޓް ކްލޭޝް ސީރީޒް މުބާރާތް ނިންމާލައިފި

ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އާއި ޒީރޯ ޕޮއިންޓް ގުޅިގެން ބޭއްވި ފޯރިގަދަ "ޒީރޯ ޕޮއިންޓް ކްލޭޝް ސީރީޒް: ރޮކެޓް ލީގު" ވާދަވެރި މެޗުތަކަށްފަހު ކާމިޔާބުކަމާއެކު ނިންމައިލައިފި އެވެ.

މި މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ މި މަހުގެ 24 އަދި 25 ވަނަ ދުވަހު ހުޅުމާލޭގައި ހުންނަ ޒީރޯ ޕޮއިންޓް ގޭމިންގ ކެފޭގައެވެ.

ޑީޖީޖީ އާއި ޒީރޯ ޕޮއިންޓް ގުޅިގެން އިންތިޒާމުކޮށް ކުރިއަށްގެންދިޔަ މި މުބާރާތުގައި 20 ޓީމު ބައިވެރިވެ ޖުމްލަ 80 ކުޅުންތެރިންގެ ހުނަރު ވަނީ ދައްކައިލައިފަ އެވެ. އަދި، ރާއްޖޭގައި އީސްޕޯޓްއަށް އޮތް މަގުބޫލުކަމާއި ވަރުގަދަ ތަރުހީބު މި މުބާރާތުން ވެސް ވަނީ ފެނިގެންގޮސްފަ އެވެ.

މި މުބާރާތުގެ ޕްރިމިއަމް ޕަރޓްނަރަކީ މިނީސޯ، އަދި އެލީޓް ޕަރޓްނަރަކީ ވިލާ މާޓެވެ.

ވާދަވެރި މެޗުތަކަކަށް ފަހު މި މުބާރާތުގެ އެއްވަނަ ހޯދައިފައިވަނީ "ދި ސްނީކީ ސްކުއިރެލްސް"އެވެ. މުބާރާތުގެ ދެވަނަ ހޯދައިފައިވަނީ "ޓޯފޫ މެގްނަމް ޕުޑިންގ" އަދި ތިންވަނަ ހޯދައިފައިވަނީ "ތްރީ ބްރެއިން ސެލްސް"އެވެ. މި މުބާރަތުގައި ބައިވެރިވެ ވަނަތައް ހޯދި ޓީމުތަކަށް ޖުމްލަ 10،000 ރުފިޔާގެ ޕްރައިޒް ޕޫލަކުން ވަނީ ފައިސާގެ އިނާމު ލިބިގެންގޮސްފައެވެ.

ރޮކެޓް ލީގުގެ އިތުރުން، މި އިވެންޓަށް ޒިޔާރަތްކުރި ފަރާތްތަކަށް ވެސް ހިލޭ ކުޅެވޭނެ ތަފާތު އިތުރު ގޭމުތައް ވަނީ ހިމަނައިފައެވެ. މީގެ ތެރޭގައި ރޭސިން ސިމިއުލޭޝަން، ވީއާރް ގޭމްސް، އެފްސީ 26 އަދި ޓެކެން ފަދަ ގޭމުތައް ހިމެނުނެވެ. މި އިވެންޓް ވެގެންގޮސްފައިވަނީ ގޭމް ކުޅުންތެރިންނާއި، ކުޅުންތެރިންގެ އާއިލާއާއި ރައްޓެހިންގެ އިތުރުން މުބާރާތް ބަލަން ޒިޔާރަތްކުރި ފަރާތްތަކަށް ވެސް ވަރަށް ފޯރިގަދަ އަދި މަޖާ އިވެންޓަކަށެވެ.

ދިރާގުން ދަނީ ރާއްޖޭގެ އެންމެ ބޮޑު ގޭމިންގ ޕްލެޓްފޯމް ދިރާގު ގޭމާރސް ގިލްޑް (ޑީޖީޖީ) މެދުވެރިކޮށް ރާއްޖޭގެ ގޭމް ކުޅުންތެރިންގެ ހުނަރު އިތުރުކޮށްދީ، އީ-ސްޕޯޓްސް ފުޅާކޮށް، ގޭމިންގ ކޮމިއުނިޓީ އިތުރު ހަރުފަތްތަކަށް ގެންދިއުމަށް އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *