ރިޔާސީ ޕްރައިމަރީއަށްފަހު ޗެއާޕާސަން އިންތިހާބު ބާއްވަން ހުށަހަޅައިފި

އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބު، ރިޔާސީ ޕްރައިމަރީއަށް ފަހު ބޭއްވުމަށް އެ ޕާޓީގެ ވަގުތީ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ހުށަހަޅައިފި އެވެ.

އަބްދުލްޣަފޫރު މި ގޮތަށް ހުށަހެޅީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުވި މެސެޖެއްގަ އެވެ.

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބާއި ދާއިރާގެ އިންތިހާބު މިވަގުތު ބާއްވައިފިނަމަ ޕާޓީގެ އެތެރޭގެ މަސްލަހަތު ގެއްލި ސަރުކާރު ޖަވާބުދާރީ ކުރުމުގެ މަސައްކަތަށް ހުރަސްތަކެއް ކުރިމަތިވާނެތީ ކަމަށް އަބްދުލްޣަފޫރު ވިދާޅުވި އެވެ.

އަބްދުލްޣަފޫރު އިތުރަށް ވިދާޅުވީ ސިޔާސީ ޕާޓީތަކަށް ސަރުކާރުން ދޭ ފައިސާ މި އަހަރު ލިބިފައިނުވާ ކަމަށާއި ޕާޓީ ހިންގުމަށާއި އިންތިހާބު ބާއްވާނެ ފައިސާ ޕާޓީގައި ނެތް ކަމަށެވެ.

އެހެންވެ އޭނާ ނުހިމެނޭހެން ޕާޓީގެ އިސް ފަރާތްތައް މަޝްވަރާކޮށް އެކަން ގައުމީ މަޖިލީހަށް ހުށަހެޅުމަށް އަބްދުލްޣަފޫރު އެދިވަޑައިގެންނެވި އެވެ.

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު ބާއްވަން ތާވަލުކުރީ ޖޫން 12 ވަނަ ދުވަހު އެވެ.

ޗެއާޕާސަން އިންތިހާބުގައި ވާދަކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް އެވެ.

ޗެއާޕާސަން އިންތިހާބުގައި އަލްހާން ފަހުމީ ވާދަކުރައްވާނެކަން މީގެ ކުރިން އިއުލާނުކުރި ނަމަވެސް މިހާރު ވަނީ ޗެއާޕާސަން އިންތިހާބުގައި ވާދަނުކުރައްވާނެކަން ހާމަކުރައްވާފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *