ރާއްޖޭގެ ފޮރިން އެކްސްޗޭންޖް ރޭޓް ހިފެހެއްޓުމަށްޓަކައި މަރުކަޒީ ބޭންކް — މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިދިޔަ އަހަރު 1.1 ބިލިއަން ޑޮލަރު ވިއްކައިފި އެވެ.
އެމްއެމްއޭއިން އާންމުކުރި މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައިވާ ގޮތުން 1.1 ބިލިއަން ޑޮލަރު ވިއްކިއިރު މިއީ 2024 ވަނަ އަހަރާ އަޅާބަލާއިރު 10 ޕަސެންޓް އިތުރުވުމެކެވެ.
މީގެ ތެރެއިން 650.9 މިލިއަން އެމެރިކާ ޑޮލަރު ވިއްކާފައިވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށެވެ.
މި ފައިސާ މައިގަނޑު ގޮތެއްގައި ހޭދަކޮށްފައި ވަނީ ތެލާއި، ކާބޯތަކެތީގެ އަސާސީ ބާވަތްތަކާއި، ބޭހާއި ސިއްހީ އާލާތްތައް ރާއްޖެއަށް އެތެރެކުރުމަށާއި، ބޭރުގެ ދަރަނިތައް އަދާކުރުމުގެ އިތުރުން އެ ކުންފުނިތަކަށް ބޭނުންވާ އެހެނިހެން ބޭރު ފައިސާގެ ބޭނުންތަކަށެވެ.
އާންމުންނާއި އަމިއްލަ ވިޔަފާރިތަކުގެ ބޭނުންތަކަށް ބޭންކްތައް މެދުވެރިކޮށް 447.6 މިލިއަން އެމެރިކާ ޑޮލަރު ވިއްކާފައިވެ އެވެ.
މީގެ އިތުރުން، ސަރުކާރުގެ ބޭރުގެ ދަރަނި އަދާކުރުމަށާއި، ތައުލީމާއި ތަމްރީނު އަދި ސިއްހީ ދާއިރާގެ އެކި ބޭނުންތަކަށް ކުރަންޖެހޭ ހަރަދުތައް ހިމެނޭހެން، ދައުލަތުން ބޭރަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް އެމްއެމްއޭ އިން 2025 ވަނަ އަހަރު ޖުމްލަ 436 މިލިއަން އެމެރިކާ ޑޮލަރު ދޫކޮށްފައިވެ އެވެ.




