ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ރުފިޔާ ކާޑުތަކުން ކުރާ ބޭރު ފައިސާގެ މުއާމަލާތްތަކަށް މި މަސް ނިމޭއިރު ބޮޑު ލުޔެއް ލިބޭނެ ކަމަަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ ކާޑުތަކުގެ ލިމިޓް ކުޑަކުރީ ބޭންކަށް ދަތިތަކެއް ދިމާވެގެން ކަމަށެވެ.
"އަޅުގަނޑު އިއްޔެގައި ބޭންކަށް، ރައީސް އޮފީހުން މައުލޫމާތު ހޯދަން ބެލިއިރުގައި މި މަސް ނިމޭ ހިސާބުން އިރާދަކުރެއްވިއްޔާ އަނެއްކާވެސް ވަރަށް ބޮޑުތަނުން ލުއިކޮށްދޭނެ ކަމުގެ އިޝާރާތް ކުރައްވާފައި ވަނީ،" ރައީސް ވިދާޅުވި އެވެ.
ބީއެމްއެލުން މިހާރު ވަނީ ރުފިޔާ ކާޑުތަކުން ރާއްޖެއިން ބޭރުގެ އީކޮމާސް ސައިޓްތަކުން ކުރާ މުއާމަލާތްތައް ވަރަށް ބޮޑަށް ލިމިޓްކޮށްފަ އެވެ. އެ ގޮތުން ކޮންމެ ދުވަހަކަށްވެސް ޑޮލަރުން މުއާމަލާތް ކުރެވޭ ލިމިޓެއް ވަނީ ކަނޑައަޅާފަ އެވެ.




