ވަރަށް އަވަހަށް މަޝްރޫއުތައް ހަލުވިވެގެންދާނެ: ރައީސް

މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ދިވެހިރާއްޖޭގެ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކަށް ކުރިމަތިވި ދަތިތައް ހައްލުކުރެވި ދާދި އަވަހަށް މަޝްރޫއުތައް ހަލުވިވެގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ކުންފުނިތަކާ ހަވާލުކޮށްގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސަރުކާރުން ފެށި ތަރައްގީގެ ބޮޑެތި މަޝްރޫއުތަކުގެ އަމަލީ މަސައްކަތުގެ ދުވެއްޔަށް ހަނގުރާމައާ ގުޅިގެން މަޑުޖެހުމެއް އައި ކަމަށެވެ. ނަމަވެސް މެދުއިރުމަތީގެ ހަމަނުޖެހުންތަކާ އެނޫންވެސް ގޮތްގޮތުން ކުރިމަތިވި މައްސަލަތައް ހައްލުކުރެވި، މަޝްރޫއުތަކުގެ ދުވެލި ހަލުވިވެގެންދާނެކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފަ އެވެ.

މަޝްރޫއުތަކުގެ ދުވެލި ހަލުވިވެގެންދާއިރު މިދިޔަ ދުވަސްތަކުގައި މަޑުޖެހުނު ބައި ފޫބެދިގެންދާނެކަމުގެ ޔަގީންކަންވެސް ރައީސް ދެއްވެވި އެވެ. އެގޮތުން މާލޭ ސަރަހައްދާއި އަތޮޅު ތެރޭގައި ހިންގާ ބޮޑެތި މަޝްރޫއުތަކުގެ ތަފްސީލްތައް ހިއްސާކުރައްވަމުން ރައީސް ވިދާޅުވީ މަޝްރޫޢުތައް އަވަހަށް ނިންމުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް ކަމަށެވެ.

މައުލޫމާތު ހާމަކުރުމާ ގުޅޭގޮތުން ރައީސް މުއިއްޒު ވިދާޅުވީ ސަރުކާރުގެ ވުޒާރާތަކުން ހާމަކުރަންޖެހޭ މައުލޫމާތުތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ހާމަކުރުމަށް ބާރު ދުވެލީގައި މަސައްކަތްތަކެއް ކުރެވޭ ކަމަށެވެ.

"މައުލޫމާތު ހާމަކުރުމުގައި ހުރިހާ ވުޒާރާއަކުންވެސް ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި 100 ޕަސެންޓް ހާސިލްކުރާނެކަމުގެ އުއްމީދު އެބައޮތް،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގު (އާރްޓީއައި)އާ ގުޅިގެން ދޭންޖެހޭ ޖަވާބުތައް ޚަލާސްކުރަމުންދާ ކަމަށާ، މުހުލަތު ހަމަވެފައިވާ މައްސަލަތަކަށްވެސް 15 ވަރަކަށް ދުވަހުގެ ތެރޭގައި ޖަވާބުދޭނެ ކަމަށެވެ. އަމާޒަކީ އިސްވެ މައުލޫމާތު ހިއްސާކުރުމަކީ އާންމުކޮށް އެކަން ބައްޓަންވެފައި އޮންނަންޖެހޭ ގޮތް ކަމުގައި ހެދުން ކަމުގައިވެސް ވިދާޅުވި އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *