އެމްއެމްޕީއާރްސީގެ ތެރޭގައި ހިންގާފައިވާ ހިޔާނާތުގެ މައްސަލަތަކާ ގުޅިގެން އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމު އަދީލް ޖަލީލްގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާކޮށްފި އެވެ.
ބައްސާމުގެ މައްޗަށް ދައުވާކުރީ އޭސީސީ އާއި ދިވެހި ފުލުހުންގެ ހިދުމަތް ގުޅިގެން ކުރިއަށް ގެންދިޔަ އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅޭ ތަހުގީގުގައި ފާހަގަވި މައްސަލަތަކަށްފަހު އެވެ.
އޭސީސީ އިން ބުނީ މި މައްސަލައިގައި އެމްއެމްޕީއާރްސީ މެދުވެރިކޮށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދީގެން އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ހިޔާނާތްތެރިވެ، އެ ފައިސާ އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްގެ ބޭންކް އެކައުންޓުތަކަށް ޖަމާކޮށް، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލްޣަފޫރު މެދުވެރިވެގެން، އެސްއޯއެފް ކުންފުނިން ބައްސާމުގެ ބޭންކް އެކައުންޓަށް 29,000 އެމެރިކާ ޑޮލަރު ޖަމާކޮށްފައިވާކަން ތަހުގީގަށް ސާބިތުވާ ކަމަށެެވެ. އަދި އެ ފައިސާ ބައްސާމުގެ އަމިއްލަ ބޭނުންތަކަށް ޚަރަދުކޮށްފައިވާކަން ފާހަގަވާ ކަމަށެވެ.
ބައްސާމު ވަނީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ރަށްތަކާއި ފަޅުތައް ވިއްކުމުގެ ކަންކަމުގައި ބައިވެރިވެ، ރަށްތަކާއި ފަޅުތައް ކުއްޔަށް ދިނުމާ ގުޅޭ ބައެއް އެއްބަސްވުންތަކުގައި ހެއްކެއްގެ ގޮތުގައި ސޮއިކޮށްފައި ކަމަށްވެސް އޭސީސީ އިން ބުންޏެވެ.
މިމައްސަލައިގައި ބައްސާމުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ފޮނުވާފައިވަނީ މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުންނެވެ.




