ފަންނީ މައުލޫމާތާއި އަހުލާގީ މިންގަނޑުތަކާއި ލީޑަޝިޕް ހުނަރުތަކާއި އޮޕަރޭޝަނަލް ގާބިލްކަން އިތުރުކުރުމުގެ ގޮތުން ކުރިއަށްގެންދާ ބްލޫސް ރީ-ޓްރެއިނިން ޕްރޮގްރާމު މިއަދު ފަށައިފި އެވެ.
މިއީ ދިވެހި ފުލުހުންގެ ހިދުމަތުގެ ތާރީހުގައި ކުރިއަށް ގެންދާ ފުރަތަމަ "ބްލޫސް ރީ ޓްރެއިނިން" ޕްރޮގްރާމެވެ.
ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓްގެ ސެންޓާ ފޯ ޕަބްލިކް ސޭފްޓީ އެންޑް ސެކިއުރިޓީ ސްޓަޑީޒް އިން މި މަހުގެ 18 އިން ފަސް ދުވަހުގެ މުއްދަތަށް ދ. ވާނީގައި ކުރިއަށް ގެންދާ މި ޕްރޮގާރާމުގެ މަގުސަދަކީ ޒަމާނީ ފުލުހުންގެ ހިދުމަތުގައި ދިމާވާ ގޮންޖެހުންތަކަށް ފުލުހުން އަހުލުވެރިކުރުވުމެވެ. އަދި ޒިންމާދާރު، ފަންނީ އަދި ރައްޔިތުންނާ ގާތުން ހިދުމަތްދޭ ފުލުހުންގެ މުއައްސަސާއެއް ބިނާކުރުމަށް މަގުފަހިކުރުވުމަކީ މި ޕްރޮގްރާމުގެ ބޭނުމެކެވެ.
މި ޕްރޮގްރާމުގައި، އިންޓާނަލް އެތިކްސް ޑިޖިޓަލް ޓްރާންސްފޮމޭޝަން އެންޑް އޭއައި، އޮޕަރޭޝަނަލް ޕޮލިސިން އާއި ސިނާރިއޯ ބޭސްޑް ޓްރެއިނިންގެ އިތުރުން ކޭސް ސްޓަޑީޒް އަދި ޓީމް ބިލްޑިން ފަދަ މޮޑިއުލްތައް ކިޔަވައިދޭނެ އެވެ. އަދި ދިމާވާ ތަފާތު ހާލަތްތަކުގައި އަވަސް އަދި ރަނގަޅު ނިންމުންތައް ނިންމުމާއި މައްސަލަ ހައްލުކުރުމުގައި ސަމާލުކަންދޭންޖެހޭ ކަންކަމުގެ އިތުރުން މުއާމަލާތް ކުރުމުގައި ވިސްނަންޖެހޭ ކަންކަމާއި ޓީމެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ހުނަރު ތަރައްގީކުރުމާ ގުޅޭގޮތުންވެސް މައުލޫމާތު ދޭނެ އެވެ.
މި ޕްރޮގާރަމަކީ މުއައްސަސާގެ ކުރިއެރުމަށާއި، އައު އީޖާދުތަކަށް އަހުލުވެރިވުމަށާއި، ޒަމާނީ ގޮންޖެހުންތަކާ ކުރިމަތިލެވޭ ފަދަ، އަހުލާގު ރަނގަޅު، ހުނަރުވެރި ފުލުހުން ބިނާކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
މި ޕްރޮގާމްގެ ފުރަތަމަ ބުރު އަމާޒުކޮށްފައިވަނީ ސައުތު ސެންޓްރަލް ޕޮލިސް ރީޖަންގައި މަސައްކަތްކުރާ ފުލުހުންގެ ތެރެއިން ކޮންސްޓަބަލް ރޭންކާއި ސަބް އިންސްޕެކްޓާ އޮފް ޕޮލިސް ރޭންކާ ދެމެދުގެ ފުލުހުންނަށެވެ. މި ޕްރޮގްރާމުގައި 98 ފުލުހުން ބައިވެރިވެ އެވެ.




