ކ. ގާފަރު ކައިރިން ބަންޑުން ޖަހާލައި އަޑިއަށްދިޔަ ލޭންޑިން ކްރާފްޓުން ގެއްލުނު ދެ މީހުން ހޯދުމަށް 675،120 އަކަ މީޓަރުގެ ސަރަހައްދެއް ޑައިވްކޮށްގެން ބަލައިފި އެވެ.
މިދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހު ބަންޑުން ޖަހާލި މި ލޭންޑިން ކްރާފްޓުން ގެއްލުނު އިންޑިއާގެ ދެ މީހުން ހޯދުމުގެ މަސައްކަތް އެ ދުވަހުން ފެށިގެން އެމްއެންޑީއެފް ކޯސްޓްގާޑުން ދަނީ ކަނޑާއި ވައިގެމަގުން ކުރަމުންނެވެ.
އެމްއެންޑީއެފުން މިއަދު ބުނި ގޮތުގައި އެއާ ކޯ އިން މި އޮޕަރޭޝަންގައި މިހާތަނަށް ކަނޑާއި ވައިގެ މަގުން 3580 އަކަ ކިލޯ މީޓަރުގެ ސަރަހައްދެއް ބަލާފައިވެ އެވެ. އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޢިމާދުއްދީންއާއި ފާސްޓް އިންޓަސެޕްޓާ ކްރާފްޓުން 441 އަކަ ނޯޓިކަލް މޭލްގެ ސަރަހައްދެއް ބަލާފައިވެ އެވެ.
އޭގެ އިތުރުން، އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުން 675،120 އަކަ މީޓަރުގެ ސަރަހައްދެއް ޑައިވްކޮށްގެން ބަލާފައިވާއިރު މިހާތަނަށް ކުރެވުނު މަސައްކަތުން ގެއްލުނު ދެ ބިދޭސީން އަދި ނުފެންނަ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މި ދެ މީހުންނާބެހޭ އެއްވެސް ޚަބަރެއް ވޭތޯ މި ސަރަހައްދުން ދަތުރުކުރާ އުޅަނދު ފަހަރުންނާއި މި ސަރަހައްދުގެ ރަށްތަކުން ބަލައި ދިނުމަށާއި މި ދެ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ލަސްނުކޮށް އެކަން އަންގައިދިނުމަށް އެމްއެންޑީއެފުން ވަނީ އެދިފަ އެވެ.




