ސްކޭމްގެ މައްސަލަތައް: ޖުލައި މަހު 1.4 މިލިއަން ރުފިޔާގެ ގެއްލުން

ސްކޭމު މައްސަލައިގެ ގޮތުގައި ފުލުހުންނަށް ހުށަހެޅި މައްސަލަތަކުގައި ޖުމްލަ 1.4 މިލިއަން ރުފިޔާގެ ގެއްލުން ރައްޔިތުންނަށް ލިބިފައިވާ ކަމަށް ފުލުހުން ހާމަކޮށްފި އެވެ.

ޖުލައި މަހުގެ ތަފާސްހިސާބުތައް އާންމުކޮށް، ފުލުހުން ބުނީ މިދިޔަ ޖުލައި މަހުގެ ތެރޭގައި ސްކޭމް މައްސަލަތަކުގެ ގޮތުގައި 180 މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އޮންލައިން ވިޔަފާރި ނުވަތަ އީ-ކޮމާސްއާ ގުޅުންހުރި ސްކޭމްތަކެވެ. އެގޮތުން ޖުލައި މަހު ހުށަހެޅުނު މައްސަލަތަކުގެ 43.33 އިންސައްތަ ނުވަތަ 78 މައްސަލައަކީ މި ބާވަތުގެ މައްސަލަތަކެވެ.

ފުލުހުންނާއި ކަމާގުޅޭ އިދާރާތަކާއި އަދި މާލީ އިދާރާތައް ގުޅިގެން ކުރި މަސައްކަތުން ގެއްލުނު ފައިސާގެ ތެރެއިން 635,271.17 ރުފިޔާ ވަނީ އަނބުރާ ހޯދައިދީފަ އެވެ. މިއީ ރިޕޯޓުކުރެވުނު ޖުމްލަ މާލީ ގެއްލުމުގެ ގާތްގަނޑަކަށް 46.41 އިންސައްތަ އެވެ.

ފުލުހުން ބުނީ ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 6 ސްކޭމް މައްސަލަ ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި ކޮންމެ މައްސަލައަކުން އެވަރޭޖުކޮށް 7,604.69 ރުފިޔާގެ މާލީ ގެއްލުން ލިބިފައިވާ ކަމަށް ބުންޏެވެ.

ޖުލައި މަހު ރިޕޯޓްކުރި މައްސަލަތައް

  • އީ-ކޮމާސް / އޮންލައިން ވިޔަފާރި: 78 މައްސަލަ (43.33 އިންސައްތަ)
  • ބުކިންގ ކެންސަލްކޮށް ރިފަންޑް ހޯދުން: 36 މައްސަލަ (20.00 އިންސައްތަ)
  • އެހެނިހެން ސްކޭމްތައް: 26 މައްސަލަ (14.44 އިންސައްތަ)
  • ބޭރު ފައިސާ މާރުކުރުން: 20 މައްސަލަ (11.11 އިންސައްތަ)
  • އެހެން ފަރާތަކަށް ހެދިގެން އޮޅުވާލުން: 20 މައްސަލަ (11.11 އިންސައްތަ)

ފުލުހުން އިތުރަށް ބުނީ ސޯޝަލް މީޑިއާއާއި، އޮންލައިން ވިޔަފާރިކުރާ ޕްލެޓްފޯމްތަކާއި، މެސެޖިން އެޕްލިކޭޝަންތަކުގެ އިތުރުން ނުރަސްމީ މާލީ ނެޓްވޯކްތައް މެދުވެރިކޮށް ހިންގާ ސްކޭމްތަކުގެ ސަބަބުން ކުރިމަތިވަމުންދާ މާލީ ގެއްލުން ބޮޑު ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *