ރިސޯޓު ކުލި ނުދައްކާ ފަރާތްތަކަށް ފިޔަވަޅު އަޅަނީ

ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ ކުއްޔާއި ޖޫރިމަނާ ފައިސާ ނުދައްކާ ފަރާތްތަކާމެދު ފިޔަވަޅު އަޅަން ސަރުކާރުން ނިންމައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ޓޫރިޒަމާބެހޭ ގާނޫނާއި އެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ ތެރެއިން ހިންގަމުންދާ ތަންތަނާއި އެ މިނިސްޓްރީގެ ހުއްދަނެތި އޮޕަރޭޝަންތައް މެދުކަނޑާލާފައިވާ ތަންތަނުގެ ތެރެއިން ކުލީގެ އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާ ފައިސާ ދައްކާފައިނުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

އެހެންވެ ފަތުރުވެރިކަމުގެ ބޭނުމަށް ތަންތަން ކުއްޔަށް ހިފާފައިވާ ފަރާތްތަކުން، އެފަރާތުން ދައުލަތަށް ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާގެ ފައިސާ، އެއްބަސްވުމުގައިވާ ގޮތުގެ މަތިން ދައްކައި ހަލާސްކުރުމަށް އެދިފައިވެ އެވެ.

ކުއްޔާއި ޖޫރިމަނާ ނުދައްކާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނި ނަމަވެސް އެކަމުގެ ތަފުސީލެއް ހާމައެއް ނުކުރެ އެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސްހިސާބުތަކަށް ބަލާއިރު މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަސް ތެރޭގައި ރިސޯޓުތަކުގެ ކުލީގެ ގޮތުގައި 5.9 ބިލިއަން ރުފިޔާ ދައުލަތަށް ނުލިބި އެބަހުއްޓެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *