ޖޫރިމަނާގެ އާމްދަނީ ލަފާކުރި އަދަދަށް ވުރެ އިތުރު

ޖޫރިމަނާގެ ފައިސާގެ ގޮތުގައި މިއަހަރުގެ ދެވަނަ ކުއާޓަރުގެ ނިޔަލަށް ލިބޭނޭ ކަމަށް ލަފާކުރި އާމްދަނީއަށް ވުރެ ބޮޑު އަދަދެއް ދައުލަތަށް ލިބިއްޖެ އެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކޮށްފައިވާ މިއަހަރުގެ ދެވަނަ ކުއާޓަރުގެ އާމްދަނީގެ ތަފާސްހިސާބުތަކަށް ބަލާއިރު ދެވަނަ ކުއާޓަރުގެ ނިޔަލަށް ޖޫރިމަނާ ފައިސާގެ ގޮތުގައި 66.2 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

މީރާއިން ލަފާކޮށްފައިވަނީ މިއަހަރުގެ ދެވަނަ ކުއާޓަރުގެ ނިޔަލަށް ޖޫރިމަނާގެ ގޮތުގައި 20.8 މިލިއަން ރުފިޔާ ލިބޭނެ ކަމަށެވެ. އެހެންކަމުން އަންދާޒާ ކުރި އަދަދަށްވުރެ 45.4 މިލިއަން ރުފިޔާ އިތުރަށް ލިބިފައިވެ އެވެ.

މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގެ ނިޔަލަށް ޖޫރިމަނާގެ ގޮތުގައި ލިބުނީ 36.3 މިލިއަން ރުފިޔާ އެވެ.

ދައުލަތުގެ ކޮންމެ އަހަރެއްގެ ބަޖެޓް އެކުލަވާލާއިރު ޖޫރިމަނާގެ ގޮތުގައި ލިބޭނެ އަދަދުތައްވެސް އިދާރާތަކުން ހިމަނާފައި ހުރެ އެވެ.

ޖޫރިމަނާ ކުރަނީ ކުށްކުރުން މަދުކުރުމަށާއި ވަކިކަމެއް ވަކިގޮތަކަށް ކުރަން އޮންނައިރު އެކަމަށް ފަރުވާތެރި ނުވާ ފަރާތްތައް ޒިންމާދާރުކުރަން ކަމަށް ކަމާ ގުޅޭ އިދާރާތަކުން ބުނެ އެވެ. އެކަމަކު ކޮންމެ އަހަރަކުވެސް ލަފާކުރާ އަދަދަށް ވުރެ އިތުރަށް ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީ އިތުރުވާތީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *