ދިވެހި ސަރުކާރާއި އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ) އާ ދެމެދު 1.5 ބިލިއަން ޑޮލަރުގެ ފައިނޭންސިން ފްރޭމްވޯކް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި ފަސް އަހަރު ދުވަހުގެ މުއްދަތަށް އެކުލަވާލި މި އެއްބަސްވުމުގެ ދަށުން، ސަރުކާރަށާއި އަދި ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް، ޕްރައިވެޓް ސެކްޓާގެ ވިޔަފާރިތަކަށް ބޭނުންވާ ޓްރޭޑް ފައިނޭންސިން ފެސިލީޓީތައް ހަމަޖެއްސުމަށް ވަނީ އެއްބަސްވެފަ އެވެ.
މި އެއްބަސްވުމުގައި ސޮއިކުރީ އައިޓީއެފްސީގެ ސީއީއޯ އިންޖިނިއާ އަދީބު ޔޫސުފް އަލް-އާމާ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ފިނޭންސް މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. 2026 އިން 2031 އަށް ދެމިގެންދާ މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އަދި ރާއްޖެއިން އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުގެ ކަނޑައަޅުއްވާފައިވާ ގަވަރުނަރު ހަސަން ޒަރީރެވެ.
މި ފްރޭމްވޯކްގެ ދަށުން، ކާބޯތަކެއްޗާއި އެހެނިހެން ޒަރޫރީ މުދާ އިމްޕޯޓްކުރުމަށާއި، ރާއްޖެއިން ބޭރުކުރާ މުދަލުގެ ވިޔަފާރި ފުޅާކުރުމަށް މާލީ އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
މީގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، ޝަރުތު ހަމަވާ އަމިއްލަ ކުންފުނިތަކަށްވެސް މި ޓްރޭޑް ފެސިލިޓީގެ ދަށުން ބޭންކުތައް މެދުވެރިކޮށް ފުރުސަތުތައް ހުޅުވިގެންދާނެ ކަމަށާއި މީގެ އިތުރުން، ވިޔަފާރިއާ ގުޅުންހުރި ފަންނީ އެހީތެރިކަމާއި އިރުޝާދު ދިނުމާއި، ބައިނަލްއަގުވާމީ ބާޒާރުތަކަށް ރާއްޖޭގެ އުފެއްދުންތައް ވާސިލުކުރުމަށް ބޭނުންވާ ގާބިލުކަން އިތުރުކުރުމުގެ މަޝްރޫއުތައް ރާއްޖޭގެ ތަރައްގީގެ އަމާޒުތަކާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށްވެސް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
މި ހަފުލާގައި މިނިސްޓަރު ހަސަން ޒަރީރު ދެއްކެވި ވާހަކައިގައި އައިޓީއެފްސީ އުފެދުނީއްސުރެ ރާއްޖެއަށް ދެމުންދާ އެހީތެރިކަން ވަރަށް ބޮޑަށް ފުޅާވެފައިވާކަން ފާހަގަ ކުރެއްވި އެވެ. އެ ގޮތުން ކުރިން ހަމައެކަނި ހަކަތައިގެ ދާއިރާއަށް އަމާޒުކޮށްދިން އެހީތެރިކަން، މިހާރު ވިޔަފާރިއާއި ތަރައްގީގެ ދާއިރާތަކަށް ބަދަލުވެފައިވާ ކަމަށް ވިދާޅުވި އެވެ.
އައިޓީއެފްސީގެ ސީއީއޯ އިންޖިނިއާ އަދީބު އަލް-އާމާ ވިދާޅުވި ގޮތުގައި މި އެއްބަސްވުމަކީ ގިނަ އަހަރުތަކެއްގެ ގާތް ގުޅުމުގެ ނަތީޖާ އެވެ. މީގެ ސަބަބުން ރާއްޖޭގެ ބޭންކުތަކާއި ޕްރައިވެޓް ސެކްޓާ އާއި އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.
މި އެއްބަސްވުމަކީ 2019 އިން 2024 އަށް އޮތް ފުރަތަމަ ފަސް އަހަރުގެ އެއްބަސްވުން ނިމުމަކަށް އައުމާ ގުޅިގެން ސޮއިކުރެވުނު އެއްބަސްވުމެކެވެ. ނިމިދިޔަ އެއްބަސްވުމުގެ ދަށުން އައިޓީއެފްސީ އިން 1.5 ބިލިއަން ޑޮލަރުގެ އެހީ ރާއްޖެއަށް ކަނޑައެޅިކަމުގައިވިޔަސް، އޭގެ ތެރެއިން 1.7 ބިލިއަން ޑޮލަރު ބޭނުން ކުރެވިފައިވާ ކަމަށާއި 2008 ވަނަ އަހަރުން ފެށިގެން މިހާތަނަށް އެ އިދާރާއިން ޖުމްލަ 3.3 ބިލިއަން ޑޮލަރުގެ މާލީ އެހީތެރިކަން ރާއްޖެއަށް ފޯރުކޮށްދީފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.




