އުރީދޫ މޯލްޑިވްސް އާއި ދިވެހި ފުލުހުންގެ ހިދުމަތް ގުޅިގެން، މާލެ އަދި ހުޅުމާލޭގައި ހުންނަ އިސްރަށްވެހިންގެ ނާދީގައި އުމުރުން ދުވަސްވީ މީހުންނަށް އަމާޒުކޮށްގެން ޑިޖިޓަލް ލިޓަރަސީ އަދި ސްކޭމް އެވެއާނަސް ސެޝަނެއް ބާއްވައިފި އެވެ.
މި ސެޝަންގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ އާންމުކޮށް ހިންގާ ސްކޭމްތައް ދެނެގަތުމަށާއި، ޑިޖިޓަލް ހިދުމަތްތައް އިތުބާރާއެކު ރައްކާތެރިކޮށް ބޭނުންކުރުމަށް އުމުރުން ދުވަސްވީ މީހުންނަށް އެހީތެރިވެ ދިނުމަށެވެ.
ސްމާޓްފޯނާއި، ޑިޖިޓަލް ޕޭމަންޓްތަކާއި، އޮންލައިން ހިދުމަތްތައް ބޭނުންކުރާ މިންވަރު އިތުރުވަމުންދާއިރު، ސްކޭމްތަކާއި މަކަރާއި ހީލަތުން ކުރާ މުއާމަލާތްތަކަކީ، ހާއްސަކޮށް ބަދަލުވަމުންދާ ޑިޖިޓަލް ނުރައްކާތަކަށް މާބޮޑަށް އަހުލުވެރިވެފައިނުވާ ފަރާތްތަކަށް، ދުވަހެއް ދުވަހަކަށް ބޮޑުވަމުން އަންނަ ކަންބޮޑުވުމެކެވެ.
ޑިޖިޓަލްވަމުންދާ މުޖުތަމައެއްގައި އެންމެންނަށްވެސް ރައްކާތެރިކަމާއެކު ބައިވެރިވެވޭނެކަން ކަށަވަރުކުރުމުގެ މުހިންމުކަން ފާހަގަކޮށް، އުރީދޫ މޯލްޑިވްސްއިން މި ސެޝަންތައް އިންތިޒާމުކުރީ އޮންލައިންކޮށް ރައްކާތެރިވުމަށް ބޭނުންވާ އަމަލީ މައުލޫމާތު އުމުރުން ދުވަސްވީ މީހުންނަށް ފޯރުކޮށްދިނުމަށެވެ.
އުރީދޫ އިން ބުނި ގޮތުގައި މި ޕްރޮގްރާމްގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ސްކޭމްތަކަށް ހޭލުންތެރިކުރުވުމަށެވެ.
އެ ގޮތުން މަކަރާއި ހީލަތުން ކުރާ ކޯލްތަކާއި މެސެޖުތަކާއި، ފިޝިން ލިންކްތަކާއި، އެހެން މީހަކަށް ހެދިގެން އޮޅުވާލަން މަސައްކަތްކުރުމާއި، އަދި މާލީ ނުވަތަ ޒާތީ މުހިންމު މައުލޫމާތު ހޯދަން އެދުން ފަދަ އާންމުކޮށް ހިންގާ ސްކޭމްތަކުގެ ބާވަތްތަކަށް ބައިވެރިން އަހުލުވެރި ކުރުވިކަމަށް އުރީދޫ އިން ބުނެފައިވެ އެވެ.
މީގެ އިތުރުން، ޕާސްވޯޑާއި، އޯޓީޕީއާއި، ބޭންކިން މައުލޫމާތާއި، އަދި އެހެނިހެން ޒާތީ މައުލޫމާތު ރައްކާތެރިކުރުމުގެ މުހިންމުކަމާއި، ޝައްކުކުރެވޭ ފަދަ މުއާމަލާތަކާ ދިމާވުމުން އަޅަންޖެހޭ ފިޔަވަޅުތަކަށްވެސް މި ސެޝަންގައި ވަނީ އަލިއަޅުވާލާފަ އެވެ.
ސްކޭމްތަކަށް ހޭލުންތެރިކުރުވުމާއި އޮންލައިން ރައްކާތެރިކަމާ ގުޅޭގޮތުން އެބޭފުޅުންގެ ތަޖުރިބާ ހިއްސާކުރުމަށް ފުލުހުން ވަނީ މި ޕްރޮގްރާމްގައި ބައިވެރިވެ، ޝައްކުކުރެވޭ ހަރަކާތްތައް ދެނެގަންނާނެ ގޮތާއި މަކަރާއި ހީލަތުން ރައްކާތެރިވާނެ ގޮތުގެ އަމަލީ އިރުޝާދު ބައިވެރިންނަށް ފޯރުކޮށްދީފަ އެވެ.
ސްކޭމްތަކަށް ހޭލުންތެރިކުރުވުމުގެ އިތުރުން، މި އިންޓަރެކްޓިވް ޕްރޮގްރާމްގައި ސްމާޓްފޯނާއި އާންމުކޮށް ބޭނުންކުރާ ޑިޖިޓަލް ހިދުމަތްތައް ރައްކާތެރިކަމާއެކު ބޭނުންކުރާނެ ގޮތުގެ އިރުޝާދު ދީފައިވެ އެވެ.
ބައިވެރިންނަށް ސުވާލުކުރުމުގެ ފުރުސަތު ލިބި، އަމަލީގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، މިއީ ޑިޖިޓަލް ދުނިޔޭގައި އުޅޭއިރު އިތުބާރާއެކު އަމިއްލައަށް ކަންކަން ކުރުމަށް އެމީހުންނަށް ލިބުނު އެހީތެރިކަމެއްކަން އުރީދޫ އިން ވަނީ ފާހަގަކޮށްފަ އެވެ.
އުރީދޫ މޯލްޑިވްސްއިން ވަނީ އިސްރަށްވެހިންގެ ނާދީއާއެކު ޒަމާންވީ ގުޅުމެއް ދަމަހައްޓައި، 2018 ވަނަ އަހަރުން ފެށިގެން އުމުރުން ދުވަސްވީ މީހުންނަށް އަމާޒުކޮށްގެން ހިންގާ ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ.
އެ ގޮތުން މި ޕްރޮގްރާމަކީ އެ ގުޅުމުގެ މައްޗަށް ބިނާކޮށް ކުރިއަށްގެންދިޔަ ޕްރޮގްރާމެއްގެ އިތުރުން، އެންމެން ޝާމިލުވާ އަދި ރައްކާތެރި ޑިޖިޓަލް މޯލްޑިވްސްއެއް ބިނާކުރުމަށް އުރީދޫއިން ވެފައިވާ ފުޅާ ވައުދަށް ލިބުނު ކުރިއެރުމެއް ކަމަށް އެކުންފުނިން ދެކެވެ.
އުރީދޫ އިން ބުނީ ފުލުހުން ފަދަ މުއައްސަސާތަކާއި މުޖުތަމައުގެ ބައިވެރިންނާއެކު މެދުކެނޑުމެއްނެތި ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން، އެ ކުންފުނީގެ އަމާޒަކީ ޑިޖިޓަލް ހޭލުންތެރިކަން އިތުރުކޮށް، އޮންލައިންކޮށް ރައްކާތެރިކަން ކަށަވަރުކުރަމުން ޓެކްނޮލޮޖީގެ ފައިދާ ހޯދުމަށް ބޭނުންވާ މައުލޫމާތާއި ހުނަރު މުޖުތަމައުތަކަށް ފޯރުކޮށްދިނުން ކަމަށެވެ.




