ދިވެހިރާއްޖެ އާއި ސައޫދީ އަރަބިއްޔާއާ ދެމެދު އޮތީ ވަރުގަދަ ގުޅުމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ ސައޫދީ އަރަބިއްޔާގެ 96 ވަނަ ގައުމީ ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ ފޮނުއްވައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
މި ޕޯސްޓްގައި ރައީސް މުއިއްޒު ވަނީ ސައުދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސައުދުއަށާއި ވަލީއަހުދު އަދި ބޮޑުވަޒީރު ޕްރިންސް މުހައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސައުދުއަށާއި، ސައޫދީގެ ޝާހީ އާއިލާއަށާއި ސަރުކާރަށާއި އަދި އެ ގައުމުގެ ރައްޔިތުންނަށް ތަހުނިޔާ އާއި ހެޔޮ އެދުންތައް ފޮނުއްވާފަ އެވެ.
ރައީސް ވިދާޅުވީ ދެ ގައުމުގެ ދެމެދުގައި އޮތީ ތާރީހީ އަދި އިސްލާމީ މަތިވެރި އުސޫލުތަކުގެ މައްޗަށް ބިނާވެފައިވާ ވަރުގަދަ ގުޅުމެއް ކަމަށެވެ.
ރާއްޖޭގެ ތަރައްގީއަށް ސައޫދީ އިން ދޭ ދީލަތި އެހީތެރިކަމަށް އަބަދުވެސް ޝުކުރުވެރިވާ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.
ރައީސް ވަނީ ދެ ގައުމުގެ ދެމެދުގައި އޮތް އެކުވެރިކަމާއި، އެއްބައިވަންތަކަން އަދި އެއްބާރުލުން ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ބަދަހިވެގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތްކަމަށް ވިދާލުވެފަ އެވެ.




