އެމްޑީޕީގެ ކޮންގްރެސްގެ ތެރެއިން ބާއްވާ އިންވެސްޓްމެންޓް ފޯރަމްގައި 100 ޕްރޮޖެކްޓަށް އިންވެސްޓްކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް އެޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ އެ ޕާޓީގެ ޕްރޮޖެކްޓް އޮފީހުން ކައުންސިލްތަކާއެކު މަސައްކަތްކޮށް 100 ކައުންސިލަކުން 100 ޕްރޮޖެކްޓް ފާހަގަކޮށްފައިވާ ކަމަށެވެ.
މިއީ އެ ޕްރޮޖެކްޓްތައް ހިންގުމުުން ރަށުގެ ރައްޔިތުންނަށް އާމްދަނީ އިތުރުވާނެ ޕްރޮޖެކްޓްތަކެއް ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.
"މި 100 ޕްރޮޖެކްޓަކީ 100 ވިޔަފާރީގެ ފުރުސަތު. އެމްޑީޕީގެ ކޮންގްރެސްގައި މިފަހަރު މި ގަސްތުކުރަނީ މި ވިޔަފާރީގެ ފުރުސަތުތައް ވިޔަފާރިވެރިންނަށް ހުޅުވާލުމަށް. އިންވެސްޓްމަންޓް ފޯރަމެއް ކޮންގްރެސްއާއެކުގައި ހިންގާނެ،" ނަޝީދު ވިދާޅުވި އެވެ.
"ރަށްވެހި ތަރައްގީ" ގެ ނަމުގައި ބާއްވާ މި ފޯރަމްގައި އިންވެސްޓަރުން ރަޖިސްޓްރީވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ.
މި ފޯރަމްގައި މަސްވެރިކަމާއި ދަނޑުވެރިކަމާއި ގެސްޓްހަސްުގެ އިތުރުން މެރިކަލްޗާ އާއި ހަކަތަ އާއި ކުނި މެނޭޖުކުރުން ހިމެނޭހެން ތަފާތު ދާއިރާތަކުން އިންވެސްޓްކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.
އެމްޑީޕީގެ ކޮންގްރެސް ބޭއްވުމަށް ހަމަޖެހިފައިވަނީ އޮކްޓޫބަރު 1 އިން 3 ވަނަ ދުވަހަށެވެ.




