ދިވެހިރާއްޖެއާއި ސައުދީ އަރަބިއްޔާގެ ގުޅުމުގެ އުއްމީދީ އައު ބާބެއް ފެށެމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ސައުދީ އަރަބިއްޔާގެ 96 ވަނަ ގައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ނީވާ ކުރުނބާ މޯލްޑިވްސްގައި މިރޭ ބޭއްވެވި ހަފްލާގައި ރައީސް ވިދާޅުވީ ދެ ގައުމުގެ މެދުގައި އިގްތިސާދީ ގުޅުމާއި، ވުނަކުރުމާއި އަދި ތަރައްގީގެ ބައިވެރިވުން ފުޅާކުރުމަށް ފުރުސަތުތަކެއް ފަހިވަމުންދާ ކަމަށެވެ.
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުމުގެ އަސާސަކީ އެއް އަގީދާއަކާއި، އެއްގޮތް އުސޫލުތަކެއްގެ އިތުރުން އެއް ބަޔަކު އަނެއް ބަޔަކަށް ކުރާ އިހްތިރާމާއި އިސްލާމީ ވަރުގަދަ އުޚުއްވަތްތެރިކަން ކަމަށެވެ. ދިވެހިރާއްޖޭގެ ތަރައްގީގައި ސައުދީން ވެދެމުންދާ ދީލަތި އެހީތެރިކަމަށާއި ހާއްސަ ގޮތެއްގައި 2004ގެ ސުނާމީއާ ގުޅިގެން ދީފައިވާ އެހީތެރިކަމާއެކު މެދުނުކެނޑި ދެމުންދާ އެއްބާރުލުމަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.
ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސުއޫދާއި ވަލީއަހުދު އަމީރު މުހައްމަދު ބިން ސަލްމާން ބިން އަބްދުލްޢއަޒީޒް އާލް ސުއޫދުގެ ސިޔާދަތުގެ ދަށުން ސައުދީ އަރަބިއްޔާއަށް އަންނަމުންދާ ހެޔޮ ބަދަލުތައްވެސް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ. އަދި އިގްތިސާދު ސިންދަފާތުކުރުމާއި، އީޖާދީ މަސައްކަތްތަކާއި، އުމްރާނީ ތަރައްގީއާއި، ދެމެހެއްޓެނިވި ތަރައްގީގެ ރޮނގުން ސައުދީ ހޯދަމުން އަންނަ ކާމިޔާބީތައްވެސް ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން ފަތުރުވެރިކަމާއި، އުމްރާނީ ތަރައްގީއާއި، ބޯހިޔާވަހިކަމާއި، ސިއްހީ ދާއިރާއާއި، މަސްވެރިކަމާއި، އިއާދަކުރަނިވި ހަކަތައިގެ އިތުރުން ދަތުރުފަތުރުގެ ދާއިރާއިން ސައުދީގެ ވުނަކުރުމާއި ތަރައްގީގެ ބައިވެރިވުން ރާއްޖޭގައި ފުޅާކުރުމަށް ހުރި ފުރުސަތުތައްވެސް ރައީސްގެ ވާހަކަފުޅުގައި ވަނީ ހިއްސާކުރައްވާފަ އެވެ. ރާއްޖޭގައި ވުނަކުރުމުގެ މާހައުލު އިތުރަށް ފަހިކޮށްދީ، ރާއްޖޭގެ އިގްތިސާދަށް ގެންނަ ހެޔޮ ބަދަލުތަކުގައި ސައުދީގެ ވިޔަފާރިވެރިންނާއި ވުނޭރުންނަށް ފުޅާ ދާއިރާއެއްގައި ބައިވެރިވެވޭނެ މަގު ތަނަވަސްކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވެވި އެވެ.
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުމުގެ ތެރެއިން ހާސިލްކުރެވުނު މުހިއްމު ލަނޑުދަނޑިއެއްގެ ގޮތުން، 'ޗާޓަ އޮފް ދަ މަލްޓިނޭޝަނަލް މެރިޓައިމް ޑިފެންސް’ގައިވެސް ސޮއިކުރެވިފައިވާ ކަމަށެވެ. އަދި އެކްސްޕޯ 2030 ރިޔާޟްގައި ރާއްޖެއިން ބައިވެރިވުމަކީ ފަތުރުވެރިކަމާއި، ވުނަކުރުމާއި، އީޖާދީ މަސައްކަތްތަކުގެ އިތުރުން ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ލިބިގެންދާނެ ފުރުސަތެއް ކަމުގައި ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ ބައިނަލްއަގްވާމީ މައިދާނުގައިވެސް ސައުދީ އަރަބިއްޔާއާއެކު ގާތުން މަސައްކަތް ކުރެއްވުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތްކަން ތަކުރާރުކުރައްވާފަ އެވެ. މީގެ އިތުރުން ސުލްހައާއި، ހަމަޖެހުމާއި، ތަނަވަސްކަން ގާއިމުކުރުމުގެ އިތުރުން އިސްލާމީ އުންމަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ދެ ގައުމު ގުޅިގެން މެދުނުކެނޑި މަސައްކަތްކުރަމުން ގެންދާނެކަމުގެ ޔަގީންކަންވެސް ދެއްވެވި އެވެ.
ދެ ގައުމުގެ މެދުގައި އޮތް ޒަމާންވީ ރަހްމަތްތެރިކަމާއި ބަދަހި ގުޅުމާއެކު، ރާއްޖެއާއި ސައުދި އަރަބިއްޔާ ގުޅިގެން އަދަށްވުރެ ފާގަތި މުސްތަގުބަލެއް ބިނާކުރެވޭނެކަމުގެ ޔަގީންކަން އެބައޮތް ކަމުގައިވެސް ރައީސް ވިދާޅުވި އެވެ.
މިރަސްމިއްޔާތުގައި ރާއްޖޭގައި ހުންނަވާ ސައުދީ ސަފީރު ޔަހްޔާ ހަސަން އަލް-ގަހްތާނީ ވަނީ ރައީސް މުއިއްޒަށް ހަނދާނީ ފިލައެއް އަރުވާފަ އެވެ.




