އެމްއެމްއޭ ރިސާޗް ގްރާންޓަށް ކުރިމަތިލުމަށް ހުޅުވާލައިފި

އެމްއެމްއޭ ރިސާޗް ފަންޑުން މިއަހަރުގެ ގްރާންޓަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

މި ފަންޑުގެ ދަށުން އިންޑިޕެންޑެންޓް ރިސާޗް ގްރާންޓާއި ފޮތް ލިޔުމުގެ ގްރާންޓަށް ޕްރޮޕޯސަލް ހުށަހެޅޭނެއެވެ. މި ގްރާންޓަށް ކަޑައަޅާފައިވާ ޖުމްލަ އަދަދަކީ 5 މިލިއަން ރުފިޔާއެވެ.

އެމްއެމްއޭ ރީސާޗް ފަންޑް ޕޯޓަލް މެދުވެރިކޮށް ފަންޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަފައިވަނީ ކުރިއަށް އޮތް އޮކްޓޫބަރު 13 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ގްރާންޓްތަކުގެ މަގުސަދަކީ ޢިލްމީ ދިރާސާ އަދި ހެކިތަކަށް ބިނާކޮށް ސިޔާސަތު ކަނޑައެޅުމަށް އެހީތެރިވެދޭ ދިރާސާ ކަރުދާސް އަދި ފޮތް ލިޔުމަށް ހިތްވަރުދިނުމާއި، ވަކިން ޚާއްސަކޮށް ދިވެހިރާއްޖޭގެ އިގްތިޞާދީ އަދި މާލީ ހަމަޖެހުން ކުރިއެރުވުމަށް އީޖާދީ މަތީ ފެންވަރުގެ ދިރާސާތައް ކުރުމަށް ހިތްވަރުދިނުމެވެ.

މި ފަންޑަށް އަމިއްލަ ފަރުދުންނަށާއި ތައުލީމީ އިދާރާތަކާއި ތިންކު ޓޭންކުތަކަށް ކުރިމަތިލޭވޭނެއެވެ. އެމްއެމްއޭއިން ބުނި ގޮތުގައި މި ފަންޑަށް ހުށަހަޅާ ޓީމުތައް ލީޑުކުރާ ފަރާތަކީ މާސްޓަރސް ޑިގްރީއެއް ނުވަތަ އެއަށް ވުރެ މަތީ ސަނަދެއް އޮތް ފަރުދަކަށް ވާންޖެހެއެވެ. އަދި ޕީއެޗްޑީ އޮންނަ ފަރާތްތަކުން މި ފަންޑަށް ކުރިމަތިލުމަށް އެ އޮތޯރިޓީން ހިތްވަރުދެ އެވެ.

އެމްއެމްއޭއިން ބުނި ގޮތުގައި ރިސާޗް ގްރާންޓްގައި އެންމެ ބޮޑަށް ބަލާނީ އެމްއެމްއޭގެ މަގްސަދުތަކާއި ގައުމަށް އެންމެ ބޭނުންޖެހިފައިވާ ދާއިރާތަކަށެވެ. ނަމަވެސް އެހެން ދާއިރާތަކުންވެސް ރިސާޗް ގްރާންޓަށް ކުރިމަތިލެވޭނެއެވެ. އެ އޮތޯރިޓީން ފާހަގަކޮށްފައިވާ ބައެއް ދާއިރާތަކަކީ؛

  • އިގްތިޞާދީ ހަމަޖެހުން، މަނިޓަރީ ސިޔާސަތު، އަދި އިންފްލޭޝަން ޑައިނަމިކްސް
  • މާލީ ދާއިރާގެ ވިލުންވެރިކަން، ގާނޫނުތަކާއި، އީޖާދުތައް
  • ޑިޖިޓަލައިޒޭޝަން، ފިންޓެކް، އަދި މާލީ ބައިވެރިވުން
  • ފަތުރުވެރިކަމާއި ދެމެހެއްޓެނިވި އިޤްތިޞާދު
  • އިސްލާމީ މާލިއްޔަތާއި ދެމެހެއްޓެނިވި ތަރައްގީ
  • ވަޒީފާގެ ބާޒާރާއި ތައުލީމީ ދާއިރާ
  • ބޯހިޔާވަހިކަމާއި، އަރބަން ޑިވެލޮޕްމަންޓް އަދި ސްޕޭޝިއަލް އިކޮނޮމިކްސް
  • ސިއްހީ ދާއިރާ، ދައުލަތުގެ ޚަރަދު، އަދި އިޖުތިމާއި ރައްކާތެރިކަން

އެމްއެމްއޭގެ ރިސާޗް ފަންޑަކީ 2024 ވަނަ އަހަރުގެ ޑިސެންބަރު މަހު އެ އޮތޯރިޓީގެ ރިސާޗް ކޮންފަރެންސްގައި އިފްތިތާޙް ކޮށްފައިވާ ފަންޑެކެވެ. މި ފަންޑުގެ ފުރަތަމަ ބުރު ހުޅުވާލާފައިވަނީ 2025 ވަނަ އަހަރެވެ. މިގޮތުން 2025 ވަނަ އަހަރު މި ފަންޑުގެ ދަށުން 6 ރިސާޗް ޕްރޮޕޯސަލް އަދި އެއް ފޮތް ގްރާންޓް އެވޯޑު ކޮށްފައިވެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *