މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް ރާއްޖެއަކީ ހަރުކަށި ފިޔަވަޅު އަޅާ ގައުމެއްކަން މިހާރު އެނގޭނެ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ގެނައި ތިންވަނަ އިސްލާހުގެ ދަށުން، ފުޅާދާއިރާއެއްގައި މަސްތުވާތަކެތި އެތެރެކޮށް ޓްރެފިކްކުރާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް ގާނޫނު ވަނީ އިސްލާހުކޮށްފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މި އިސްލާހު ތަސްދީގުކުރައްވައި، މާރިޗު 2026 އިން ފެށިގެން ގާނޫނަށް ދަނީ އަމަލުކުރަމުންނެވެވެ.
ވަޒީރުންގެ އަހާ ފޯރަމުގައި މިމައްސަލައިގައި މިރޭ ވާހަކަދައްކަވަމުން އިހްސާން ވިދާޅުވީ އެ އިސްލާހާއެކު ރާއްޖެއަކީ މަސްތުވާތަކެތި އެތެރެކޮށްފިނަމަ ހަރުކަށި އަދަބުދޭނެ ގައުމެއްކަން ބޭރުގެ ފަރާތްތަކަށް ވަރަށް ސާފުކޮށް މިހާރު އެނގޭނެ ކަމަށެވެ.
ކުރިން މަސްތުވާތަކެތި އެތެރެކުރުމުން ދުވަސްކޮޅަކު ބަންދުކޮށްފައި ބެހެއްޓުމަށްފަހު ދޫކޮށްލާކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ ކުރިން ކަންކުރާ އަނެއް ގޮތަކީ އުމުރު ދުވަހަށް ޖަލަށް ލާފައި ބެހެއްޓުން ކަމަށެވެ.
"ނަމަވެސް މިހާރު ރާއްޖެއަކީ މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް ހަރުކަށި ގައުމެއްކަން އެނގޭނެ،" އިހްސާން ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ގާނޫނީ ބަދަލުތައް ގެނެސް، މަސްތުވާތަކެތި އެތެރެކޮށްފިނަމަ މަރުގެ ހުކުމް ތަންފީޒުކުރުމަކީ ސަރުކާރުގެ ސިޔާސަތު ކަމަށާއި، އެއީ އެފަދަ ފަރާތްތަކަށް ދެވުނު ސާފު މެސެޖެއް ކަމަށެވެ.
އިހްސާން ވިދާޅުވީ މި ފަހަކަށް އައިސް ރާއްޖޭގެ ބޯޑަ ސެކިއުރިޓީވެސް އިތުރަށް ވަރުގަދަކޮށްފައިވާ ކަމަށެވެ. އެގޮތުން މިދިޔަ ޖެނުއަރީ މަހުން ފެށިގެން އެއާޕޯޓުގައި ބޮޑީ ސްކޭނަރު ބަހައްޓައި، ޑްރަގު އެތެރެކުރުން ހުއްޓުވުމަށް އަޅާފައިވާ ފިޔަވަޅުތައް ހަރުދަނާކޮށްފައިވާކަން ފާހަގަކުރެއްވި އެވެ. އިއްޔެ ވެސް ހަށިގަނޑުގައި މަސްތުވާތަކެތި ފޮރުވައިގެން ރާއްޖެ އެތެރެކުރަން އުޅުނު ނޭޕާލްގެ ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމުގައި ވިދާޅުވި އެވެ.
އެ މަސައްކަތަށް އިތުރު މުވައްޒަފުން ބޭނުން ނުވާކަން ފާހަގަކުރައްވަމުން އިހްސާން ވިދާޅުވީ ކުރިން ނުފެނިދާ ވަރަށް ގިނަ ކަންކަން ބޯޑަ ސްކޭނާ މެދުވެރިކޮށް މިހާރު ފެންނަމުންދާ ކަމަށެވެ.
"މިވަގުތަށް އިންޓަސެޕްޝަންތައް އިންޓެލިޖެންސް ބޭސްކޮށް ކުރިއަށް ގެންދިޔައީމަ، ހަށިގަނޑުގައި ފޮރުވައިގެން ނުވަތަ ފޮށީގައި ރައްކާކޮށްގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.




