6 އަހަރު ތެރޭ ހިލޭ ޑިގްރީ ޕްރޮގްރާމަށް 835 މިލިއަން ރުފިޔާ

ސަރުކާރުގެ ހިލޭ ޑިގްރީ ޕްރޮގްރާމަށް ފާއިތުވި ހަ އަހަރު 835 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް އޮޑިޓަ ޖެނެރަލް ހާމަކުރައްވައިފި އެވެ.

މި މުއްދަތުގައި ހިލޭ ޑިގްރީ ޕްރޮގްރާމުގައި ބައިވެރިވުމަށް 19،265 އެޕްލިކޭޝަން ލިބުނުއިރު، އޭގެ ތެރެއިން 16،388 ދަރިވަރަކަށް ކިޔެވުމަށް ފުރުސަތު ދީފައިވެ އެވެ.

ހިލޭ ޑިގްރީ ޕްރޮގްރާމަށް ބޮޑު ހަރަދެއްކޮށްފައިވާއިރު، ޑިގްރީ ފުރިހަމަކޮށްފައިވާ ދަރިވަރުންގެ ސީދާ އަދަދު ސާފުވާން ނެތްކަން އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. އަދި ދަރިވަރުންގެ މައުލޫމާތު ރަނގަޅަށް ބެލެހެއްޓޭނެ ހަރުދަނާ ނިޒާމެއް ގާއިމުކޮށްފައި ނެތްކަންވެސް ފާހަގަކޮށްފައިވެ އެވެ.

މީގެ އިތުރުން ޕްރޮގްރާމް ފުރިހަމަ ނުކުރާ 790 ދަރިވަރަކަށް ޚަރަދުވި 19 މިލިއަން ރުފިޔާ އަނބުރާ ހޯދުމަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވާތީ އޮޑިޓް ރިޕޯޓްގައި ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

ކުރިން ޑިގްރީ ހާސިލްކޮށްފައިވާ 271 މީހަކު ޑިގްރީ ހެދިކަން ބެލޭނެ ނިޒާމެއް ނެތުމުގެ ސަބަބުން އެ މީހުން އަލުން ޑިގްރީ ޕްރޮގްރާމެއް ފުރިހަމަކުރުމަށް 9.3 މިލިޔަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށްވެސް ރިޕޯޓްގައި ހާމަކޮށްފައިވެ އެވެ.

ހިލޭ ޑިގްރީ ޕްރޮގްރާމަށް ކުރާ ހަރަދު އަހަރުން އަހަރަށް އިތުރުވަމުންދާއިރު ދަރިވަރުންގެ އަމިއްލަ ޖީބުން ކުރާ ހަރަދުތައްވެސް ވަނީ ވަރަށް ބޮޑަށް މައްޗަށް ގޮސްފަ އެވެ. އެގޮތުން 60،000 ރުފިޔާއަށް ވުރެ އިތުރަށް އަމިއްލައަށް ހަރަދުކުރަންޖެހުނު ޕްރޮގްރާމްތަކުގެ ނިސްބަތް ވަނީ އިތުރުވެފަ އެވެ.

މި މައްސަލަތައް ހައްލުކުރުމަށްޓަކައި، ދަރިވަރުންގެ މައުލޫމާތު ބެލެހެއްޓޭނެ ނިޒާމެއް ގާއިމުކުރުމަށާއި، ހޯދަންޖެހޭ ފައިސާ އަނބުރާ ހޯދުމުގެ އިތުރުން ގައުމަށް އެންމެ ބޭނުންތެރި ދާއިރާތަކަށް ސްކީމް މުރާޖާކުރުމަށް އޮޑިޓާ ޖެނެރަލް ވަނީ ލަފާދެއްވާފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *