ނައިބް ރައީސް ނިއުޔޯކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

އދގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ ހައި-ލެވެލް ހަފުތާގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް، ރައީސުލްޖުމްހޫރިއްޔާގެ ނައިބް ހުސައިން މުހައްމަދު ލަތީފް އެމެރިކާގެ ނިއުޔޯކަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި އެވެ.

މި ސަމިޓުގައި ނައިބް ރައީސް ވަނީ ރާއްޖެއިން އަހައްމިއްޔަތުކަންދޭ ކަންކަން ކަމުގައިވާ އިންސާފުވެރި ވެރިކަމުގެ ނިޒާމަކަށާއި، މޫސުމީ ވިލުންތެރިކަމަށާއި އަދި ކުދި ޖަޒީރާ ގައުމުތަކުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތައް ހިއްސާކުރައްވާފަ އެވެ.

އާންމު ބަހުސްގައި ރާއްޖޭގެ ފަރާތުން ގައުމީ ބަޔާން އިއްވަވަމުން ނައިބް ރައީސް ވިދާޅުވީ ކޮންމެ ގައުމަކަށްވެސް އެ ގައުމެއްގެ އަމިއްލަ މުސްތަގުބަލް ބައްޓަންކުރުމުގެ އަސާސީ ހައްގު ލިބިގެންވާ ކަމަށާއި އެކަމަކު ކުދި ގައުމުތަކުގެ ސަލާމަތަށް ކުރިމަތި ވަމުންދާ ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ.

މިއީ 2040 ވަނަ އަހަރާ ހަމައަށް ރާއްޖެ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވުރާ ގުޅިފައިވާ ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މީގެއިތުރުން 1967ގެ ކުރީގެ ސަރަހައްދީ އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ފަލަސްތީންގެ ވެރިރަށް ކަމުގައި ކަނޑައަޅައި، ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމަށް އެމަނިކުފާނު ބައިނަލްއަގްވާމީ މައިދާނުގައި ވަކާލާތު ކުރެއްވި އެވެ. އަދި އދގެ ސަލާމަތީ މަޖިލީހުން ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ދައުރުވާ ގޮނޑިއެއް ކަނޑައެޅުމަށް އެދިވަޑައިގެންނެވުމުގެ އިތުރުން އދގެ ނިޒާމަށް ފުރިހަމަ އިސްލާހީ ބަދަލުތަކެއް ގެނައުމަށްވެސް އެމަނިކުފާނު ގޮވާލެއްވި އެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކާއި ކަނޑުގެ ލޮނުގަނޑު އުފުލުމާ ގުޅޭގޮތުން ބޭއްވި މަތީ ފަންތީގެ ޕްލެނަރީ ބައްދަލުވުމެއްގައިވެސް މިދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ތަގުރީރު ކުރައްވާފަ އެވެ.

ނައިބް ރައީސް ވިދާޅުވީ ކަނޑުގެ ލޮނުގަނޑު އުފުލި ރަށްތައް ގިރަމުންދާ ދިއުމަށް ރާއްޖެއިން ދޭ ޖަވާބަކީ، ފަހަތަށް ޖެހުމެއް ނެތި ވިލުންތެރިކަން އިސްކުރުން ކަމަށެވެ. މޫސުމަށް އަންނަމުންދާ ބަދަލުތަކަށް ހޭނުމަށް ބޭނުންވާ ހިލޭ އެހީ، ފުޅާ ދާއިރާއެއްގައި އަވަހަށް ލިބިދިނުމަށްވެސް އެމަނިކުފާނު އިލްތިމާސް ކުރެއްވި އެވެ. ކަނޑުގެ ލޮނުގަނޑު އުފުލުމަކީ ގާނޫނީ ގޮތުން ބަލައިގެންފައިވާ ކަނޑުގެ ސަރަހައްދީ އިންތައް އުނިވާންޖެހޭނެ ނުވަތަ ބައިނަލްއަގްވާމީ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން އުފެދިފައިވާ ދައުލަތެއް ނެތިގެން ދާންޖެހޭ ސަބަބެއް ނޫން ކަމުގައިވެސް ވިދާޅުވި އެވެ.

ބައިނަލްއަގުވާމީ ގުޅުންތައް އިތުރަށް ބަދަހިކުރެއްވުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް އާއި ބަންގްލަދޭޝްގެ ބޮޑުވަޒީރު ތާރިގު ރަހްމާންއާއެކު މުހިންމު މަޝްވަރާތަކެއް ބާއްވަވާފަ އެވެ. އަދި ޗައިނާއިން އިންތިޒާމުކުރި ގްލޯބަލް ޑިވެލޮޕްމަންޓް އިނިޝިއޭޓިވްގައިވެސް އެމަނިކުފާނު ތަގުރީރު ކުރެއްވި އެވެ. މި ބައްދަލުވުން ތަކުގެ ޒަރީއާއިން، ހާރިޖީ ގޮތުންނާއި، އަދި ތަރައްގީގައި ދިވެހިރާއްޖެއިން އިސްކަންދޭ ކަންކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ބައިނަލްއަގްވާމީ މައިދާނުގައި ހާމަ ކުރައްވާފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *