އީގަލް ހިލްސް އިން ރަސްމާލޭގައި ހިންގަން ތައްޔާރުވަމުން އަންނަ މޯލްޑިވްސް ވޯޓާ ފްރޮންޓް އެންޑް މެރީނާ މަޝްރޫއުގައި ދިވެހިންނަށް އިންވެސްޓް ކުރެވޭނެ ކަމަށް އެ ކުންފުނީގެ ޗެއާމަން މުހައްމަދު އަލައްބާރު ވިދާޅުވެއްޖެ އެވެ.
ދިވެހި ވިޔަފާރިވެރިންނާއެކު މިއަދު ބޭއްވި ބައްދަލުވުމެއްގައި އަލައްބާރު ވިދާޅުވީ މި މަޝްރޫއުގައި ދިވެހިންނަށް ބައިވެރިވެވޭނީ ހަމައެކަނި ވަޒީފާގައި ނުވަތަ ކޮންޓްރެކްޓްތަކާއި ސަޕްލައި ކުރުމުގައި ނޫން ކަމަށާއި މި މަޝްރޫއުގައި ދިވެހި ވިޔަފާރިވެރިންނަށް އިންވެސްޓް ކުރެވޭނެ ކަމަށެވެ.
އަލައްބާރު ވިދާޅުވި ގޮތުގައި ވިސްނުމަކީ ރައްޔިތުންނަށް ފައިދާވާނެ ގޮތަށް ރައްޔިތުން ޝާމިލުވާނެ ފުރުސަތު ފަހިކޮށްދިނުމެވެ.
އީގަލް ހިލްސް އިން މަޝްރޫއުތައް ހިންގާ ގައުމުތައް ފާހަގަކުރައްވާ އަލައްބާރު ވިދާޅުވީ އެ ގައުމުތަކުގައި އެ ކުންފުނީގެ މުވައްޒަފުންގެ 100 ޕަސެންޓަކީ އެ ގައުމެއްގެ ރައްޔިތުން ކަމަށެވެ.
އަލައްބާރު ވިދާޅުވީ އަމާޒަކީ ވީހާވެސް އަވަހަށް މަސައްކަތް ފެށުން ކަމަށާއި ރާއްޖޭގައި ހަރަކާތްތެރިވާނީ ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް ކަމަށެވެ.
ރާއްޖޭގައި މިހާތަނަށް ހިންގާ ބޭރުގެ އެންމެ ބޮޑު އިންވެސްޓްމަންޓްގެ މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް އެވެ. އީގަލް ހިލްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ބާނީ އަދި ޗެއާމަން މުޙައްމަދު އަލައްބާރު އެވެ.
މި މަޝްރޫއުގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި ރިސޯޓްތައް އަދި މަތީ ފަންތީގެ ބްރޭންޑަޑް ރެޒިޑެންސީ ހިމެނެ އެވެ.
ދުނިޔޭގެ ފެންވަރުގެ މެރީނާއެއްވެސް ހިމެނޭ މި މަޝްރޫއުގައި ވޯޓާފްރަންޓް ސަރަހައްދުތަކާއި ރެސްޓޯރެންޓްތަކާއި ފިހާރަތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ ސެންޓަރުތައް ހިމެނެ އެވެ.
އެކި ފިޔަވަހިތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ޖުމްލަ އިންވެސްޓްމަންޓް 20 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އީގަލް ހިލްސް އިން ވަނީ ލަފާކޮށްފަ އެވެ.
މި މަޝްރޫޢުގެ ސަބަބުން ރާއްޖެއަށް ބޭރުގެ އިންވެސްޓްމަންޓްގެ ގޮތުގައި ޖުމްލަ 30 ބިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ވަންނާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ތެރެއިން 18 ބިލިއަން ޑޮލަރަކީ ސީދާ ރާއްޖެއަށް ލިބޭނެ އިންވެސްޓްމަންޓެވެ.
މީގެ އިތުރުން، މި މަޝްރޫޢުގެ ސަބަބުން ސީދާ ގޮތުންނާއި ނުސީދާ ގޮތުން 54,000 އަށްވުރެ ގިނަ ވަޒީފާ އުފެދޭނެ ކަމަށް ބެލެވެ އެވެ. އަދި މި މަޝްރޫއު ފުރިހަމަވުމުން، އަހަރަކު އެއް މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށް، ފަތުރުވެރިކަމުން އަހަރަކު ދެ ބިލިއަން ޑޮލަރަށްވުރެ ގިނަ އާމްދަނީ ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ.
އީގަލް ހިލްސްއަކީ ބުރުޖް ޚަލީފާ އާއި ދުބާއީ މޯލް ތަރައްގީކުރި އީމާރު ޕްރޮޕަޓީޒްގެ ބާނީ މުހައްމަދު އަލައްބާރުގެ އަމިއްލަ ކުންފުންޏެކެވެ.




