ރަސްމާލޭގެ މުޅި މަޝްރޫއުއާ ދެކޮޅުހެދުމަކީ ސިޔާސީ ގޮތުން ކުރާ ސިޔާސީ ކަމެއް ކަމަށް ޕީއެންސީގެ ނައިބް ރައީސް އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިއަދު ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވީ ރަސްމާލެ މަޝްރޫއުގައި ކަންބޮޑުވުންތަކެއް ހުރި ނަމަ ވާހަކަ ދައްކައިގެން އެ ކަމެއް ހައްލުކުރެވިދާނެ ކަމަށެވެ. ސިޔާސީ މީހުންނަކީ ރާއްޖެއަށް ލިބޭ އިންވެސްޓްމެންޓްތަކަށް އެންމެ ފުރަތަމަ މަރުހަބާ ކިޔަންޖެހޭ މީހުން ކަމަށްވެސް ވިދާޅުވި އެވެ.
ޝުޖާއުގެ ވާހަކައިގައި ވަނީ އީގަލް ހިލްސްއާ ހަވާލުކޮށްގެން ރަސްމާލޭގައި ހިންގަން ސަރުކާރުން ނިންމާފައިވާ މަޝްރޫއު ރަނގަޅު ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާ ކަންވެސް ފާހަގަކުރައްވާފަ އެވެ. އަދި އެއީ ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އެމްޑީޕީން ދެކޭ ގޮތް ކަމަށް ދެކެވަޑައިގަންނަވާ ކަމުގައިވެސް ވިދާޅުވި އެވެ.
ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން ޝުޖާއު ވާހަކަދައްކަވާފައި މިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އެ މަޝްރޫއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި ވަނިކޮށެވެ.
އެކްސްގައި އިއްޔެ ކުރެއްވި ޕޯސްޓެއްގައި ޔާމީން ވިދާޅުވީ އީގަލް ހިލްސް އަކީ ރައްޔިތުންގެ ތާއީދު ގެއްލި، އަޚްލާގީ ގޮތުން ފުނޑުފުނޑުވެފައިވާ ސަރުކާރެއްގެ ނާޖާއިޒު ފައިދާ ނަގަމުންދާ، ދަށުދަރަޖައިގެ ބައެއް ކަމަށެވެ. އަދި ފަލަސްތީނުގެ ހައްގުތަކަށް އިސްކަންދޭ ސައްތައިން ސައްތަ މުސްލިމް މުޖުތަމައެއްގައި ޔަހޫދީ އާބާދީއެއް ގާއިމުކުރުމަށް މަސައްކަތް ކުރުމަކީ އެމީހުންގެ މުނާފިގުކަމާއި ދަށުދަރަޖައިގެ އަމަލުތައް ހާމަކޮށްދޭ ކަމެއް ކަމަށާއި އެހެންކަމުން އެ މަޝްރޫއު ހުއްޓާލުމަށްވެސް ޔާމީން ގޮވާލެއްވި އެވެ.
"މި މަޝްރޫއަށް އަހަރެމެންގެ ހިތްތަކުގައި އޮތީ ހަމައެކަނި ނަފުރަތާއި ނުރުހުމެވެ،" ޔާމީން ވިދާޅުވި އެވެ.




