އުމުރުން 70 އަހަރުން މަތީގެ މީހުންނަށް ހައްޖު ޖާގަ ދިނުމުގައި އިސްކަންދެނީ

ހައްޖުގެ އަޅުކަން އަދާކުރުމަށް ފައިސާ ދައްކައި، ހައްޖު ކިއުއިން ޖާގަ ލިބުނުތާ ތިން އަހަރުވެފައިވާ އުމުރުން 70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް، ކުރިއަށް އޮތް އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ފުރުސަތު ދިނުމަށް ސަރުކާރުން ނިންމައިފި އެވެ.

ސަރުކާރުން މި ނިންމުން ނިންމާފައިވަނީ ރާއްޖެއަށް ލިބޭ ހައްޖުގެ ކޯޓާގެ އަދަދަށް ބަލާއިރު، ހައްޖު ކިއުގައި ދޮށީ އުމުރުގެ ގިނަ އަދަދެއްގެ މީހުން ތިބުމާއެކު އަދި ހައްޖަށް ދިއުމަށް ފައިސާ ދައްކައި، ދިގު މުއްދަތަކަށް އިންތިޒާރުކުރަން ޖެހި، ހައްޖުވުމުގެ ފުރުސަތު ނުލިބިދާނެކަމުގެ ކަންބޮޑުވުން އިންތިހާއަށް އޮތުމާއެކު، ވީހާވެސް ގިނަ ދޮށީ އުމުރުގެ މީހުންނަށް ފަރުޟު ހައްޖު އަދާކުރުމަށް ފުރުސަތު ފަހިކޮށްދިނުމަށެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރްޒުލް އަބްދުﷲ ޚަލީލް ވިދާޅުވީ މި އުސޫލު ތަންފީޒުކުރާނީ، މައުޟޫއީ ގޮތެއްގައި އުމުރުށާއި ކިޔޫއިން ޖާގަލިބުނު ތާރީހަށް ބަލައިގެން ކަމަށެވެ. އަދި މިއީ އެންމެންނަށް ހަމަހަމަ އުސޫލަކުން ތަފާތުކުރުމެއްނެތި މައުޟޫއީ ގޮތެއްގައި ތަންފީޒުކުރާނެ އުސޫލެއްކަންވެސް ފާހަގަކުރެއްވި އެވެ.

މިކަމުގެ ސަބަބުން ރާއްޖެއަށް ލިބޭ ކޯޓާގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައި، ދުވަސްވީ މީހުންނަށް ވީހާވެސް އަވަހަށް ފުރުސަތު ލިބި، ހައްޖު ކިއުގައި ތިބި އުމުރުން ދުވަސްވީ މީހުންގެ އަދަދު މަދުވެގެން ދާނެކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެ އެވެ. މިއާއެކު ކުރިއަށް އޮތް ތަނުގައި ހައްޖު ކިއުގައި ހިމެނޭ މީހުންގެ ނިސްބަތް ޒުވާން އުމުރުފުރާތަކަށް ބަދަލުވެގެން ދިއުމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަމަށވެސް ވިދާޅުވި އެވެ.

ޝަހީމު ވިދާޅުވި ގޮތުގައި މި އުސޫލުގެ ދަށުން ހައްޖު ކިއުގައި ތިބޭތާ 3 އަހަރު ވެފައިވާ ފަރާތްތައް ކަމުގައި ބަލާނީ، 31 ޑިސެންބަރު 2023ގެ ނިޔަލަށް ހައްޖަށް ދިއުމަށް ފައިސާ ދައްކާފައިވާ، ޢުމުރުން 70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކެވެ. އަދި 70 އަހަރުން މަތީގެ އުމުރުފުރާ ކަމުގައި ބަލާނީ މިއަހަރުގެ ޑިސެމްބަރު 31 ވަނަ ދުވަހުގެ ނިޔަލަށް އުމުރުން 70 އަހަރު ފުރިފައިވާ ފަރާތްތަކަމަށްވެސް ވިދާޅުވި އެވެ. އެގޮތުން 70 އަހަރުން މަތީގެ 324 މީހުންނަށް މި އުސޫލުގެ ދަށުން 1448 ވަނަ އަހަރުގެ ހައްޖުން ފުރުސަތު ދޭން ވަނީ ނިންމާފަ އެވެ. މީގެ ތެރޭގައި 75 އަހަރުން މަތީގެ 86 މީހުންވެސް ހިމެނެ އެވެ.

މި އުސޫލު ތަންފީޒުކުރުމާއެކު އަންނަ އަހަރު ހައްޖަށް ދެވޭނެކަމަށް އަންދާޒާކޮށްފައިވާ އުމުރުން 65 އަހަރާއި 69 އަހަރާ ދެމެދުގެ ބޭފުޅުންނަށް މިހާރު އަންދާޒާކޮށްފައިވާ ފުރުސަތަށް ލަސްވުމެއް ނާންނާނެހެން، 65 އަހަރުން މަތީގެ ފަރާތްތަކަށްވެސް މި އަހަރުގެ ކިޔޫގައި އިސްކަން ދިނުމަށް ހަމަޖެހިފައިވެ އެވެ. އެހެންކަމުން މި އުސޫލު ތަންފީޒުކުރި ނަމަވެސް މިއަހަރު ހައްޖަށް ދެވޭނެކަމަށް އަންދާޒާކޮށްފައިވާ އުމުރުން 65 އަހަރާއި 69 އަހަރުގެ މީހުންނަށް ހައްޖަށް ދިއުމުގައި ލަސްވުމެއް ކުރިމައްޗެއް ނުވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ. އަދި އެފަދަ ފަރާތްތަކުން އެކުގައި ދިއުމަށް ފައިސާ ދައްކާފައިވާ އަދި އަންނަ އަހަރު ހައްޖުވެވޭނެ ކަމަށް އަންދާޒާކޮށްފައިވާ އާއިލީ މީހުންގެ ތެރެއިން ހައްޖު ކިއުގައި ތިބި އާއިލާގެ އެއް މެންބަރަކަށް އެކުގައި ދިއުމަށް ފުރުސަތު ނުގެއްލޭނެހެން އިސަކަންދޭނެކަންވެސް މިނިސްޓްރީން ފާހަގަކޮށްފައިވެ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މި އުސޫލުތަކުގެ ދަށުން ފުރުސަތު ދެވޭ ހުރިހާ ފަރާތްތަކަކީވެސް، މީގެ ކުރިން ހައްޖުގެ އަޅުކަން އަދާކޮށްފައި ނުވާ، ހަމައެކަނި ފަރުޟު ހައްޖު އަދާކުރުމަށް ދާ މީހުންނަށް ވާންޖެހޭނެ ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ. މިއާއެކު، ކިޔޫގައި ތިބި 65 އަހަރުން ދަށުގެ ބައެއް މީހުންނަށް އަހަރެއްހާ ދުވަހުގެ ލަސްވުމެއް މެދުވެރިވި ނަމަވެސް މިއީ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް އެތައް އަހަރެއް ވަންދެން އިންތިޒާރުކުރަމުން އަންނަ ދޮށީ އުމުރުގެ އެތައް ރައްޔިތުންނަކަށް ލިބިގެން ދިޔަ ވަރަށް ބޮޑު އުއްމީދެއް ކަމަށް އިސްލާމިކް މިނިސްޓްރީން ދެކެ އެވެ. އަދި މިއީ ރާއްޖެއަށް ލިބޭ ހައްޖު ކޯޓާގެ ބޭނުން އެންމެ އިންސާފުވެރި އަދި އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް އެޅިގެންދިޔަ މުހިއްމު ފިޔަވަޅެއްގެ އިތުރުން، ހައްޖު ކިއުގެ އިންތިޒާމުތައް ހަރުދަނާވެ، ކުރިއަށް އޮތް ތަނުގައި ހުރިހާ އުމުރުފުރާތަކަށްވެސް ފުރުސަތުތައް އަވަހަށް ތަނަވަސްވުމަށް މަގުފަހުވާނެ އަދި މިކަމުގެ ފައިދާ އާންމު ގޮތެއްގައި ކިޔޫގައި ތިބި ހުރިހާ މީހުންނަށްވެސް ލިބޭނެ ކަމެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *