ފުލުހުން އިއްޔެ މާލޭގެ ހެންވޭރު އަވަށުގައި ހިންގި އޮޕަރޭޝަންގައި އަތުލައިގެން ބަނގުރަލާ ގުޅުންހުރި މީހުންގެ މައުލޫމާތު ހާމަކޮށްފި އެވެ.
ފުލުހުން މިއަދު ހާމަކުރި މައުލޫމާތަށް ބަލާއިރު މިމައްސަލައިގައި ބަންގްލަދޭޝްއަށް ނިސްބަތްވާ ތިން މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެއީ އަލް އަމީން (34އ) އާއި، ޕޮލިން (43އ) އާއި، އެމްޑީ ރަކިބް ހޮސެން (25އ) އެވެ.
ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އަލް އަމީން އަދި ޕޮލިން ފަސް ދުވަހަށް އަދި އެމްޑީ ރަކިބް ހޮސެން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.
މިތިން މީހުން ހައްޔަރުކޮށްފައިވަނީ މާލޭގައި ފުޅާދާއިރާއެއްގައި ގަވާއިދާ ހިލާފަށް ބަނގުރާ ފޯރުކޮށްދެމުންދިޔަ ނެޓްވޯކަކަށް އަމާޒުކޮށް ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، ހ. މާދޫގެ ބަލައި ފާސްކުރުމަށްފަހު އެވެ.
ދިވެހި ފުލުހުންގެ ހިދުމަތުގެ ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި މި އޮޕަރޭޝަންގައި 826 ފުޅި ބަނގުރާ އަތުލައިގަނެފައިވެ އެވެ.




