ބޭރު ފައިސާ މާރުކުރާ ކުންފުންޏެއް ޖޫރިމަނާކޮށް، ލައިސަންސް ހިފަހައްޓައިފި

މަނީ ޗޭންޖިން ވިޔަފާރިއާބެހޭ ގަވާއިދާ ހިލާފުވި ކުންފުންޏެއް 500،000 ރުފިޔާއިން ޖޫރިމަނާކޮށް ލައިސަންސް ހިފަހައްޓައިފި އެވެ.

މަރުކަޒީ ބޭންކް — މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ރޭ ބުނީ މަނީ ޗޭންޖިން ވިޔަފާރިއާ ބެހޭ ގަވާއިދާ ހިލާފުވުމުގެ ސަބަބުން "އެމް.އެސް.ފައިނޭންސް ކަރަންސީ އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑް" އަށް ސުޕަވައިޒަރީ ފިޔަވަޅެއްގެ ގޮތުން 500،000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން އެ ކުންފުންޏަށް ދޫކޮށްފައިވާ މަނީ ޗޭންޖާ ލައިސަންސް ހިފަހައްޓާފައިވާ ކަމަށްވެސް އެމްއެމްއޭ އިން މައުލޫމާތު ދީފައިވެ އެވެ.

ބޭރު ފައިސާ ގަނެ ވިއްކުމުގެ މުއާމަލާތްތައް ކުރުމުގައި ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރުމަށް އެމްއެމްއޭ އިން ވަނީ ތަކުރާރުޮށް އިލްތިމާސްކޮށްފަ އެވެ.

އެމްއެމްއޭ އިން ބުނީ ގަވާއިދާ ހިލާފުވާ ފަރާތްތަކާމެދު އެ އޮތޯރިޓީ އާއި ތަންފީޒީ އިދާރާތައް ގުޅިގެން ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށެވެ.

ބޭރު ފައިސާ ލިބުން ދަތި ކަމަށް ބުނާ މައްސަލަ ހައްލުކުރުމަށްޓަކައި ސަރުކާރާއި އެމްއެމްއޭއާ ގުޅިގެން ގެންދަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އަދި އެ ފިޔަވަޅުތަކުގެ ހެޔޮ ނަތީޖާ މިހާރު ދަނީ ފެންނަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *