ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލުއިތަކެއް

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ އުފެއްދުންތައް ތައްޔާރުކުރުމަށް ރާއްޖެ އެތެރެކުރާ ތަކެތިން ނަގާ އިމްޕޯޓް ޑިއުޓީ 5 އަހަރު ދުވަހުގެ މުއްދަތަށް ކަނޑާލުމަށް ސަރުކާރުން ނިންމައިފިއެވެ.

މިކަން އިޢުލާނު ކުރެއްވީ ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒުގެ އިނާމު ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް (އެމްއެސްއެމްއީ) ކުރިއެރުވުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާ ކަމަށާއި، މި ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ލުއިފަސޭހަ މާޙައުލެއް ޤާއިމުކޮށްދިނުމަކީ ސަރުކާރުގެ މައިގަނޑު އެއް އަމާޒު ކަމަށެވެ. މިގޮތުން ވިޔަފާރިތަކަށް ދިމާވާ ގޮންޖެހުންތައް ދެނެގަނެ، އެކަންކަމަށް ޙައްލު ހޯދައިދިނުމުގެ ގޮތުން މުހިންމު 3 ލުޔެއް ދިނުމަށް ސަރުކާރުން ނިންމާފައިވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

ޑިއުޓީ ކަނޑާލުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ”އެމްއެސްއެމްއީ ސެކްޓަރގައި މަސައްކަތް ކުރާ ވިޔަފާރިތަކުން ރާއްޖެއަށް އިމްޕޯޓް ކުރާ ރޯމެޓީރިއަލްސްތަކަށް އައިޓަމްތަކަށް ލުއިދިނުމުގެ ގޮތުން، އައިޓަމްތަކުގެ ފުރިހަމަ ލިސްޓެއް ހަދާ، އެލިސްޓުގައިވާ ބާވަތްތަކަށް 0 އިންސައްތަ ރޭޓުގައި އިމްޕޯޓް ޑިއުޓީ ނަގާ ގޮތަށް 1 ޖަނަވަރީ 2027 އިން ފެށިގެން ފަސް އަހަރު ދުވަހަށް ކަނޑައަޅާ ގޮތަށް ސަރުކާރުން މިވަނީ ނިންމާފައި“ ކަމަށެވެ.

ޓެކުހުގެ ނިޒާމަށް ގެންނަ ލުއިތައް

މީގެ އިތުރުން ސަރުކާރަށް ޚިދުމަތް ނުވަތަ މަސައްކަތް ކޮށްދީފައިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ތެރެއިން، ފައިސާ ނުލިބި ހުރި ފަރާތްތަކުން ދައްކަންޖެހޭ ޓެކްސް ދެއްކުމުގައިވެސް ބޮޑު ލުޔެއް ދިނުމަށް ވަނީ ނިންމާފައެވެ. އެގޮތުން އެފަދަ ފަރާތްތަކަށް ސަރުކާރުން ދޭންޖެހޭ ފައިސާއިން، އެ ފަރާތްތަކުން ދައްކަންޖެހޭ ޓެކްސް އޮފްސެޓް ކުރެވޭނެ ނުވަތަ ކަނޑައި އަޅައިކިޔޭނެ އިންތިޒާމެއް ހަމަޖައްސަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އަދި ވިޔަފާރިތަކުން ޓެކްސްއަށް ރަޖިސްޓްރީ ކުރަންޖެހޭ ތްރެޝްހޯލްޑް 1.5 މިލިޔަން ރުފިޔާއަށް މަތިކުރުމަށް ނިންމާފައިވާ ކަމަށާއި، މި ބަދަލު ގެނައުމަށްޓަކައި ޤާނޫނުތަކާއި ޤަވާޢިދުތަކަށް ގެންނަންޖެހޭ އިޞްލާޙުތައް ސަރުކާރުން ގެންނަވާނެ ކަމަށްވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ.

ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒުގައި ބައިވެރިވެ ވަނަތައް ހޯދި ފަރާތްތަކަށް މަރުޙަބާ ދަންނަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މި އެކްސްޕޯއިން ފެނިގެންދިޔައީ ދިވެހިންގެ ޝައުޤުވެރިކަމާއި ބުރަ ފަންނީ މަސައްކަތްތައް ކަމަށް ވިދާޅުވެފައެވެ. އަދި ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި މި ދާއިރާއަށް މީހުން ނެރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި، އުފެއްދުންތެރިކަމުގެ ދާއިރާގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ދައުރު ފުޅާކުރުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުން ގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *