ޕާކިސްތާނާއެކު 20 އެއްބަސްވުމެއްގައި ސޮއިކޮށްފި

ދިވެހިރާއްޖެ އާއި ޕާކިސްތާނާ ދެމެދު 20 އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުންތަކުގައި ސޮއިކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިހާރު ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން މިއަދު އެ ގައުމުގެ ބޮޑުވަޒީރުގެ ރަސްމީގެކޮޅުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

ސޮއި ކުރެއްވުނު އެއްބަސްވުންތަކުގެ ތެރޭގައި ދެ ގައުމުގެ ދެމެދުގައި ވައިގެ ދަތުރުފަތުރުތައް އަލުން ފެށުމާއި ސިއްހީ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުންތައް ހިމެނެ އެވެ.

މީގެ އިތުރުންވެސް އެކި ދާއިރާތަކުން ގިނަ އެއްބަސްވުންތަކެއްގައި ވަނީ ސޮއިކޮށްފަ އެވެ.

ދެ ގައުމުގެ ދެމެދުގައި ބަދަލުކުރި އެއްބަސްވުންތަކުގެ ތެރޭގައި

  • އިންފޮމޭޝަން ޓެކްނޮލޮޖީ، ސައިބަސެކިޔުރިޓީ، އާޓިފިޝަލް އިންޓެލިޖެންސް، ޑިޖިޓަލް ސްކިލްސް އާއި އީޖާދާއި އުފެއްދުންތެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުން.
  • ޓްރެފިކިން އާއި މަސްތުވާތަކެތި ނައްތާލުމަށް ގުޅިގެން މަސައްކަތް ކުރުން.
  • އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކުރުމަށް ގުޅިގެން މަސައްކަތް ކުރުން.
  • ދިފާއީ ދާއިރާއިން ގުޅުން ބަދަހިކުރުން.
  • މެރިޓައިމް ސެކިޔުރިޓީ ދާއިރާއިން ގުޅުން ބަދަހިކުރުން.
  • ދަނޑުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުން.
  • މަސްވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުން.
  • ޓެކްނިކަލް އެންޑް ވޮކޭޝަނަލް ދާއިރާއިން ގުޅުން ބަދަހިކުރުން.
  • ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރުގެ ދާއިރާއިން ގުޅުން ބަދަހިކުރުން.
  • ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުން.
  • ސަގާފަތާއި ތަރިކައާއި ފަންނާބެހޭ ދާއިރާއިން ގުޅުން ބަދަހިކުރުން.

ރައީސް މުއިއްޒު ޕާކިސްތާނަށް މިހާރު ކުރައްވާ ދަތުރުފުޅަކީ އެ ގައުމުގެ ބޮޑުވަޒީރު މުހައްމަދު ޝެހްބާޒް ޝަރީފްގެ ދައުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *