ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ޕާކިސްތާނުން ރަސްމީކޮށް މަރުހަބާ ދަންނަވައިފި އެވެ.
ރައީސް މުއިއްޒަށް ރަސްމީކޮށް މަރުހަބާ ދެންނެވުމުގެ ރަސްމިއްޔާތު އޮތީ ޕާކިސްތާނުގެ ބޮޑުވަޒީރު މުހައްމަދު ޝެހްބާޒް ޝަރީފުގެ ރަސްމީ ގެކޮޅުގައި މިއަދު އެވެ.
މި ރަސްމިއްޔާތުގައި ރައީސަށް ރަސްމީކޮށް މަރުހަބާ ދެންނެވީ ބޮޑުވަޒީރު ޝެހްބާޒް އެވެ. ރައީސަށް މަރުހަބާ ދެންނެވުމުގެ ގޮތުން އެ ގައުމުގެ ސިފައިން ވަނީ ގާޑް އޮފް އޮނާއެއް އަރުވާފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން ޕާކިސްތާނަށް ފުރާވަޑައިގެންނެވީ އިއްޔެ އެވެ. މިއީ ޕާކިސްތާނުގެ ބޮޑުވަޒީރު މުހައްމަދު ޝެހްބާޒް ޝަރީފްގެ ދައުވަތަކަށް މިމަހުގެ 20 އިން 22 އަށް ޕާކިސްތާނަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ.
ރައީސް މުއިއްޒުގެ މި ދަތުރުފުޅުގައި ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރުދާރީއާއި، ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފްގެ އިތުރުން، އެ ގައުމުގެ އިސްވެރިންނާ ބައްދަލު ކުރައްވާނެ އެވެ.
މީގެ އިތުރުން ރައީސްގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމާ ގުޅޭ ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރާނެ ކަމަށްވެސް ރައީސް އޮފީހުން ބުނެފައިވެ އެވެ.
މިއީ ވޭތުވެދިޔަ ދިހަ އަހަރު ދުވަހުގެ ތެރޭގައި، ރާއްޖޭގެ ރައީސަކު، ޕާކިސްތާނަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. މިދަތުރުފުޅު ކުރެއްވުމަށް ހަމަޖެހިފައި މިވަނީ، ރާއްޖެއާއި ޕާކިސްތާނާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބު ވަގުތުގަ އެވެ.
ރާއްޖެއާއި ޕާކިސްތާނާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރެވުނީ 26 ޖުލައި 1966 ގައެވެ.




