އައްޑޫ ސިޓީގެ ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި މޫސުމާ ބެހޭ އައު އޮފީހަކާއި އެންމެ ޒަމާނީ އެސް-ބޭންޑް ޑޮޕްލާ ވެދާ ރާޑަރެއް ބެހެއްޓުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ފަށައިފި އެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ އިމާރާތް އެޅުމަށް ހަމަޖެހިފައިވާ ބިން އެއްކޮށް ސާފުކުރުމުގެ މަސައްކަތާއި، އެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ސީސީޓީވީ ސެކިއުރިޓީ ކެމެރާތައް ހަރުކުރުމުގެ މަސައްކަތެވެ.
މި މަސައްކަތްތައް ނިމުމާއެކު، އައު މެޓް އޮފީހާއި ޒަމާނީ ރާޑަރު ބެހެއްޓުމުގެ މައިގަނޑު ޢަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.
އައްޑޫ އެއާޕޯޓުގައި އަލަށް ގާއިމުކުރާ އެސް-ބޭންޑް ޑޮޕްލާ ވެދާ ރާޑަރަކީ ރާއްޖޭގެ ދެކުނުގެ މޫސުން ކުރިއަށްވުރެ މާ ބޮޑަށް ދެނެގަތުމަށާއި، ވިއްސާރައާއި ކޮޅިގަނޑުތައް އަންނަ މިސްރާބު ދުރާލައި ދެނެގަނެ ރައްޔިތުންނަށް އިންޒާރު ފޯރުކޮށްދިނުމުގެ ޤާބިލުކަން އިތުރުވެގެންދާނެ ޒަމާނީ ވަސީލަތެއް ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެފައިވެ އެވެ.
މީގެ އިތުރުން ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ކަށަވަރުކުރުމަށްޓަކައި ވެސް މި ރާޑަރު މުހިންމު ދައުރެއް އަދާކުރާނެކަން އެ މިނިސްޓްރީން ފާހަގަކުރެ އެވެ.




