A low angle shot of the Antelope Canyon, Arizona

"ތަރައްޤީއާއި އާބާދީ އެއްފަސްކުރުމަކީ ސަރުކާރުގެ ސިޔާސަތެއް"

ތަރައްޤީއާއި އާބާދީ އެއްފަސް ކުރުމުގެ ސަބަބުން ރައްޔިތުންނަށް ވަރަށް ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ކުޅުދުއްފުށި ސިޓީގައި ވެމްކޯ ޚިދުމަތް އިފްތިތާޙްކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން، މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ، ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަންނެވުމަށްފަހު މިހާރު ފެނިވަޑައިގަންނަވަނީ، ވަރަށް ބާރު ސްޕީޑުގައި ވަޢުދުތައް ފުއްދަވަމުންދާ މަންޒަރު ކަމަށެވެ. ޚާއްޞަކޮށް ސިޓީތަކަށް ވަރަށް ބޮޑު އިސްކަމެއް ރައީސް ދެއްވާކަން ފާހަގަކުރައްވާ ޢަބްދުއްރަޙީމް ވިދާޅުވީ އެމަނިކުފާނުގެ ވަޢުދުފުޅުތަކުގެ ތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އަރބަން ސެންޓަރުތަކެއް ތަރައްޤީކުރުން ހިމެނޭ ކަމަށެވެ.

ރާއްޖެ ތަރައްޤީކުރުމަށް ވަރަށް ބޮޑު މަސައްކަތެއް ކުރަން ޖެހޭއިރު، ކޮންމެ ރަށެއްގައި އަސާސީ ޚިދުމަތް ޤާއިމްކޮށް ހުރިހާ ޚިދުމަތެއް ލިބޭގޮތަށް ހަދަން ޖެހޭ ކަމަށާއި، ނަމަވެސް ރައީސުލްޖުމުހޫރިއްޔާގެ އަމާޒަކަށްވެފައި އޮތީ ތަރައްޤީއާއާއި އާބާދީ އެއްފަސް ކުރުމުގެ ސިޔާސާތެއް ގެންގުޅުންކަން ފާހަގަކުރައްވާ މަޖިލީހުގެ ރައީސް ވިދާޅުވީ، އާބާދީ ބޮޑެތި ރަށްރަށް ތަރައްޤީކޮށްގެން ނޫނީ ދެމެހެއްޓިނި ގޮތެއްގައި ތަރައްޤީގެ ކަންކަން ކުރިއަށް ނުދާނެކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

"ތަރައްޤީގެ މަގުން އެންމެ ބާރަށް ކުރިއަށް ހިނގާފައި ދެވޭނީ ތަރައްޤީއާއި އާބާދީ އެއްފަސްކޮށްގެން ކަމަށް ރައީސުލްޖުމުހޫރިއްޔާ ޤަބޫލުފުޅު ކުރައްވަނީ. އެއްގޮތަކަށްވެސް މި ދަންނަވަނީ ކުދިކުދި ރައްރަށުން މީހުން ބާލާ ވާހަކެއް ނޫން. ތަރައްޤީއާއި އާބާދީ އެއްފަސްކުރީމަ އެމީހުން އަމިއްލައަށް އެތަންތަނަށް އަންނާނެ." އަބްދުއްރަހީމް ވިދާޅުވިއެވެ.

ޢަބްދުއްރަޙީމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ބޭނުންފުޅު ވަނީ އަރބަން ސެންޓަރުތަކެއް ޤާއިމްކޮށް މާލެއާއި އެއް ފެންވަރެއްގައި އެތަންތަނުން ޚިދުމަތް ލިބޭނެ ނިޒާމެއް ޤާއިމް ކުރުން ކަމަށެވެ. އޭރުން މާލެ ތޮއްޖެހެމުންދާ ދިއުމަށް ނިމުމެއް ގެނެވޭނެ ކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *