ޕީއެންސީއަށް ކައުންސިލުތަކުގެ ގިނަ ގޮނޑިތަކެއް ކާމިޔާބުވުމުން ރައީސް މަރުޙަބާ ވިދާޅުވެއްޖެ

ލޯކަލް ކައުންސިލްތަކުގެ ހުސްވެފައިވާ ގޮނޑިތަކަށް މެންބަރުން އިންތިޚާބުކުރުމަށް ބޭއްވި 6 ބައި އިލެކްޝަންގެ ތެރެއިން 5 ގޮނޑި ވެރިކަންކުރާ ޕީއެންސީން ކާމިޔާބުކުރުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މަރުޙަބާ ވިދާޅުވެއްޖެއެވެ.

މިއަދު ބައި އިލެކްޝަން ބޭއްވީ ހެންވޭރު ހުޅަނގު ދާއިރާއާއި، މައްޗަންގޮޅި މެދު ދާއިރާއާއި، ހުޅުމާލެ ދާއިރާއަށާއި، އަދި ކުޅުދުއްފުށީ އުތުރު ދާއިރާއަށް ކައުންސިލް މެންބަރަކު އިންތިޚާބުކުރުމަށެވެ. އަދި ފ.ބިލެތްދޫ ކައުންސިލް ރައީސް އިންތިޚާބުކުރުމާއި ރ. ރަސްމާދޫ ކައުންސިލަށް އަންހެން މެންބަރަކު އިންތިޚާބުކުރުންވެސް ކުރިއަށްދިޔައެވެ.

ޕީއެންސީގެ ފަސް ކެންޑިޑޭޓުން އިންތިޚާބު ކާމިޔާބުކުރުމާއި ގުޅިގެން ޕީއެންސީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިންތިޚާބު ކާމިޔާބުކުރެއްވި ކެންޑިޑޭޓުންނަށާއި ވޯޓު ދެއްވި ރައްޔިތުންނަށް ޝުކުރާއި މަރުޙަބާ ވިދާޅުވެފައެވެ.

މި 6 ބައި-އިލެކްޝަންގެ ތެރެއިން 5 ބައި-އިލެކްޝަން ކާމިޔާބުކުރީ ޕީއެންސީގެ ކެންޑިޑޭޓުންނެވެ. އެ ކެންޑިޑޭޓުން އިންތިޚާބުގައި ކުރި ހޯއްދެވީ އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓުންނާއި ވާދަކުރައްވައެވެ.

ބައި-އިލެކްޝަން ޕީއެންސީން ކާމިޔާބުކުރީ، ފާޠިމަތު ޝައުފާ ސަލީމް، ހެންވޭރު ހުޅަނގު ދާއިރާއަށް، ފާޠިމަތު އިޝާން ޢަލީ މައްޗަންގޮޅި މެދު ދާއިރާއަށް، ޢަލީ އައިމަން ހުޅުމާލެ ދާއިރާއަށް، އިބްރާހީމް އަޙްމަދު  ކުޅުދުއްފުށި އުތުރު ދާއިރާއަށް އަދި އަރީޙް އިސްމާޢީލް، ބިލެތްދޫ ކައުންސިލްގެ ރައީސް ކަމަށެވެ.

ރަސްމާދޫ ކައުންސިލަށް އަންހެން މެންބަރުގެ އިންތިޚާބުކުރުމަށް ކުރިއަށްގެންދިޔަ ބައި އިލެކްޝަންގައި، އެ ގޮނޑި ކާމިޔާބު ކޮށްފައިވަނީ، އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓެވެ.

މި 6 ދާއިރާގެ އިތުރުން އިތުރު 3 ދާއިރާއެއްގެ ބައި-އިލެކްޝަން ބޭއްވުމަށްވެސް އިލެކްޝަންސް ކޮމިޝަނުން އިޢުލާންކުރިއެވެ. ނަމަވެސް އިންތިޚާބު ކުރަންޖެހޭ ޢަދަދަށް ކުރިމަތިލެއްވުމުން އެ ތިން ދާއިރާގައި އިންތިޚާބު ނުބާއްވައެވެ. އެ ތިން ދާއިރާވެސް ކާމިޔާބުކުރީ ޕީއެންސީންނެވެ.

އިންތިޚާބާ ނުލައި ޕީއެންސީން ކާމިޔާބުކުރި 3 ދާއިރާ އަކީ ޅ އަތޮޅު ކައުންސިލްގެ ރައީސް  ކަމަށް، މުޙައްމަދު ސަނީ، ރ. ހުޅުދުއްފާރު ކައުންސިލް މެންބަރު ކަމަށް ޢަބްދުﷲ ސާމިހު އަދި ޅ. ހިންނަވަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ފާޠިމަތު މޫސާ އެވެ.

މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބަށްފަހު ބާއްވާ އިންތިޚާބުތަކުން ޕީއެންސީން އަންނަނީ ބޮޑެތި ކާމިޔާބީތަކެއް ހޯދަމުންނެވެ. އެގޮތުން ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށްފަހު ޖެހިގެން އައި މަޖިލިސް އިންތިޚާބު ކާމިޔާބުކޮށްފައިވަނީ ސުޕަ މެޖޯރިޓީއާއެކުއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *