އިއްޔެ ބޭއްވި ގައުމީ ދުވަހުގެ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދާ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ގިނަ ބޭފުޅުން ސަލާމް ނުކުރެއްވިތަން ފެނިވަޑައިގަތުމުން "ދެރަވި" ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވުމުން ސާޖިދާގެ ބޭބެ އަދި ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ޖަނާބު އިއްބެ) ރައްދު ދެއްވައިފި އެވެ.
އިއްޔެގެ ޖަލްސާ ކުރިއަށް ދިޔަ ގޮތަށް ރައީސް މައުމޫން ތައުރީފް ކުރެއްވި ނަމަވެސް މައުމޫންގެ ހަމަ އެކަނި ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރެއްވީ ގިނަ ފިރިހެން ބޭފުޅުން ސާޖިދާއާ ސަލާމް ނުކުރެއްވުމެވެ.
މައުމޫން އެެހެން ވިދާޅުވުމުން ބައެއް ބޭފުޅުން ވެސް ވަނީ ސޯޝަލް މީޑިއާގައި ވަނީ ނުރުހުން ފާޅުކުރައްވައިފަ އެވެ.
އޭގެ ތެރޭގައި ސާޖިދާގެ ބޭބެވެސް ހިމެނިވަޑައިގަންނަވަ އެވެ.
ސާޖިދާގެ ބޭބެ އެކްސްގައި ވިދާޅުވީ ހިލޭ ފިރިހެނުން ކުރިމަތީގައި މުއުމިނު އަންހެންތަކުންގެ ޒީނަތްތެރިކަން ފާޅުނުކުރުމަށް މާތް ﷲ ކީރިތި ގުރުއާނުގައި ސާފުކޮށް އަންގަވާފައިވާ ކަމަށެވެ.
އެކަމަކުވެސް އަރަބިބަސް ދަންނަ އެތައްބަޔަކު އެ ޙުކުމަށް ބޯނުލަބާންވެގެން، ބިންމަތީގައި ބޮޑާވެގަންނަނީ ކީއްވެގެންބާއޭ ހިތަށް އަރާކަމަށް ސާޖިދާގޭ ބޭބެ ވިދާޅުވި އެވެ.
އަންހެނުން ފިރިހެނުންނާ އަތާ އަތް ޖޯޑުކޮށް ސަލާމް ކުރުމާމެދު ދީނީ އިލްމުވެރިންގެ މެދުގައި އިހްތިލާފް ތަކެއްވެއެވެ. ބައެއް އިލްމުވެރިން ގަބޫލު ކުރައްވާ ގޮތުގައި އެއީ ކުރުމަށްވުރެ ނުކުރުން ރަނގަޅު ކަމެކެވެ.
ސާޖިދާ މީގެ ކުރިން ވެސް ފާހަގަވެގެން ގޮސްފައިވަނީ ފިރިހެނުންނާ އަތާ އަތްޖޯޑުކޮށް ސަލާމް ނުކުރައްވާ ބޭކަނބަލެއްގެ ގޮތުގައެވެ.




