ރާއްޖޭގައި ސުލްހަ ގާއިމް ކުރުމަށްޓަކައި ކުރެވޭ މަސައްކަތްތަކުގެ ތެރެއިން، ކުޅިވަރުގެ ދައުރު ފުޅާ ކުރުމަކީ މި ސަރުކާރުގެ ތަސައްވުރެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ބައިނަލްއަޤްވާމީ ގޮތުން ފާހަގަ ކުރާ ދުނިޔޭގެ ކުޅިވަރު ދުވަހުގެ މުނާސަބަތާ ގުޅިގެން އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ އިޖްތިމާއީ ބަދަލުތައް ގެނައުމާއި، މުޖުތަމައު ބިނާކުރުން އަދި ސުލްހަ ގާއިމުކުރުމުގައި ކުޅިވަރުގެ މުހިންމު ދައުރެއް އޮންނަ ކަމަށެވެ.
އަދި ސަރުކާރުގެ އަމާޒަކީ ސުލްހައާއި ދެމެހެއްޓިނިވި ގޮތެއްގައި ކަންކަން ކުރިއެރުވުމަށްޓަކައި ބޭނުންކުރާ ވަރުގަދަ ވަސީލަތެއްގެ ގޮތުގައި ކުޅިވަރު ކަނޑައަޅައި، ހަރުދަނާކުރުން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ އެއްބައިވަންތަކަމާއި ބާރުވެރިކުރުމާއި، ހަމަހަމަ ފުރުސަތުތައް ހޯދައިދިނުމަށް ކުޅިވަރަށް ލިބިފައިވާ ބާރުގެ ފުރިހަމަ ބޭނުން ހިއްޕަވަން ގަސްދުކުރައްވާ ކަމަށެވެ.
އަދި މި ފުރުސަތުތައް ކަށަވަރުކޮށްދެއްވުމުގެ އަޒުމުގައި، ރާއްޖޭގެ ކުޅިވަރުގެ ކުރިމަގު ބަދަލުކޮށްލާފަދަ މަޝްރޫއުތަކެއް މިހާރު ތަންފީޒުކުރައްވަމުން ގެންދަވާކަން ރައީސް ފާހަގަ ކުރައްވާފައި ވެއެވެ. އެގޮތުން ކުޅިވަރު ތަރައްގީކުރުމަށް ކުރައްވަމުން ގެންދަވާ ދުރު ރާސްތާ މަސައްކަތްތަކަށްވެސް އެ ޕޯސްޓުގައި އަލިއަޅުވާފައި ވެއެވެ.




