ސްޕޯޓްސް ފިޝިންގް ޓޫރިޒަމް ޑެސްޓިނޭޝަނެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރުކުރުމުގެ ގޮތުން ގްލޯބަލް އެމްބެސެޑަރަކަށް ފްލައި ނަވާރޯ ހަމަޖައްސައިފިއެވެ.
މިއީ ބައިނަލްއަޤްވާމީ ސްޕޯޓް ފިޝިން ކޮމިއުނިޓީގައި ރާއްޖޭގެ ކަނޑުގެ މާޙައުލަށް ހުރި ޝައުޤުވެރިކަން އިތުރުކޮށް ދެމެހެއްޓެނިވި މަސްވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ މަޤްބޫލުކަން އިތުރުކުރުމަށް ކުރާ މަސައްކަތެއްކަމަށް އެމްއެމްޕީއާރުސީން ވިދާޅުވެއެވެ.
ސްޕޯޓް ފިޝިންގގެ ދާއިރާގައި 30 އަހަރަށްވުރެ ގިނަ އަހަރުގެ ތަޖުރިބާ ލިބިފައިވާ ފްލައި ޒޯން ފިޝިންގގެ ބާނީ ފްލައި ނަވާރޯއަކީ 6 ކޮންޓިނެންޓަކަށް ދަތުރުކޮށް ދުނިޔޭގެ އެންމެ ބޮޑެތި މުބާރާތްތަކުގައި ބައިވެރިވެފައިވާ އެންގަލަރެކެވެ.
ރާއްޖެ އިޝްތިހާރުކުރުމަށް ގްލޯބަލް އެމްބެސެޑަރަކަށް ހަމަޖެއްސި ނަވޯރާ ބުނިގޮތުގައި ބައިނަލްއަޤްވާމީ ފެނުވަރުގައި ރާއްޖެ ތަމްސީލުކުރުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއްކަމަށެވެ. އަދި ރާއްޖޭގެ ކަނޑުގެ މާހައުލަކީ މުޅި ދުނިޔެއިންވެސް އެންމެ ހިތްގައިމު އެއް މާހައުލުކަމަށް އޭނާ ބުންޏެވެ.
މިއީ މަސްވެރިކަމަށް ބަލާއިރު އެހެން މަންޒިލަކަށް މިއާ ވާދަ ނުކުރެވޭނެ ފަދަ ކަނޑުގެ މާހައުލެއްކަމަށާއި، މިމާހައުލު ދުނިޔެއަށް ދައްކައިދިނުމަށް އެހީތެރިވެދިނުމަކީ ލިބޭ އުފަލެއްކަމަށްވެސް ފްލައި ނަވާރޯ ވަނީ ބުނެފައެވެ.




