އަސާސީ ބައެއް ބޭސް ލިބުމުގައި ދަތިތައް ދިމާވީ ބައެއް ވިޔަފާރިވެރިން ބޭސް ގެނައުން ގަސްދުގައި ހުއްޓާލުމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ އަމިއްލަ ކުންފުނިތަކުން 1،000 ނުވަތަ 2،000 ޕަސެންޓްގެ ފައިދާގައި ބައެއް ބޭސް ވިއްކަމުންދިޔަ ކަމަށާއި އާސަންދައިގެ ތެރެއިން އެ ފައިސާ އަމިއްލަ ކުންފުނިތަކަށް ލިބެމުންދިޔަ ކަމަށެވެ.
"މި ގޮތަށް ފައިސާ ނަގައިގެން ބޭހުގެ ވިޔަފާރިކުރަން ފެށި ބަޔަކު އިސާހިތަކު އެބަތިބި މިހާރު ބޮޑެތި މަހުޖަނުންނަށްވެފަ، ހަމައެކަނި ބޭހުގެ ވިޔަފާރިކޮށްގެން،" ރައީސް ވިދާޅުވި އެވެ.
އެކަން ހައްލުކުރުމަށް އަގުތައް ކެޕް ކުރުމުން ބޭހުގެ ވިޔަފާރިކުރާ ބައެއް ވިޔަފާރިވެރިން ގަސްދުގައި ބައެއް ބޭސް ގެނައުން ހުއްޓާލި ކަމަށް ރައީސް ވިދާޅުވި އެވެ.
"ހުއްޓާލީމަ ތާށިތަކެއް ދިމާވީ އެސްޓީއޯއަށް އިންޓައިމް ނުގެނެވުނީ ބޭސް އެހާވަރަށް،" ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް ވަނީ ކުރީ ސަރުކާރުތަކުން މަސައްކަތްކުރީ ރައްޔިތުންނަށް ބަލިތައް ޖައްސަން ކަމަށްވެސް ވިދާޅުވެފަ އެވެ.
"މީގެ ކުރީގެ ބައެއް ސަރުކާރުތަކުން ހަމައެކަނި ބަލަނީ މީހާ ބަލިވީމަ އަޅާލާން. ބަލިވޭތޯ އުޅޭހެންވެސް ހީވޭ ކަންތައްތައް އޮންނަ ގޮތުން. ލައިފްސްޓައިލް ސަރުކާރު ސިޔާސަތު އޮންނަ ގޮތުން ކެންސަރު ބައްޔާއި ހުރިހާ އެއްޗަކަށް ދާން ދޫކޮށްލާފައި ނޫންތޯ އޮތީ،" ރައީސް ވިދާޅުވި އެވެ.
ބަލިވުމުން ހިދުމަތްދޭން ވެސް މަސައްކަތްކޮށްފައިނުވާ ކަމަށާއި ރަނގަޅު ފެންވަރުގެ ހޮސްޕިޓަލެއް އެ ސަރުކާރުތަކަށް ގާއިމުނުކުރެވުނު ކަމަށް ރައީސް ވިދާޅުވި އެވެ.




