ޕްރޮސެކިއުޓާ ޖެނަރަލް އޮފީހުގައި ހުސްވެފައިވާ އިސް ބައެއް މަގާމުތަކަށް ބޭފުޅުން އައްޔަންކުރައްވައިފި އެވެ.
އެގޮތުން ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނަރަލްގެ މަގާމަށް އައްޔަންކުރައްވާފައިވަނީ އައިޝަތު މުހައްމަދު އެވެ.
އައިޝަތު މުހައްމަދަކީ ޕީޖީ އޮފީހުގައި އެންމެ ސީނިއާ ވަކީލުންގެ ތެރޭގައި ހިމެނޭ އަދި ބޮޑެތި މައްސަލަތަކުގައި ދައުލަތް ތަމްސީލް ކުރެއްވި ވަކީލެކެވެ. ދައުލަތުގެ ފަރާތުން އައިޝަތު މުހައްމަދު ވަކާލާތު ކުރެއްވި އެންމެ ފާހަގަކުރެވޭ އެއް މައްސަލަ އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލި ދައުވާތަކެވެ.
ޕީޖީ އޮފީހުގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނަރަލްގެ މަގާމަށް އައިޝަތު މުހައްމަދު އައްޔަންކުރައްވާފައި މިވަނީ ކުރިން އެ މަގާމުގައި ހުންނެވި އަލީ ސަމީރު މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި އިސްތިއުފާ ދެއްވުމުންނެވެ.
ޕީޖީ އޮފީހުގައި2011 ވަނަ އަހަރުން ފެށިގެން މަަަސައްކަތް ކުރައްވަމުން ގެންދަވާ އައިޝަތު މުހައްމަދުގެ އިތުރުން މަހްމޫދު ސަލީމު ވެސް ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނަރަލްގެ މަގާމުގައި ހުންނަވަ އެވެ.
ޕްރޮސެކިއުޓާ ޖެނަރަލް އޮފީހުގެ އެސިސްޓެންޓް ޕްރޮސެކިއުޓާ ޖެނަރަލްގެ މަގާމަށްވެސް މިހާރު ވަނީ ބޭފުޅަކު އައްޔަންކުރައްވާފަ އެވެ. އެ މަގާމަށް އައްޔަންކުރެއްވީ ޕީޖީގެ ވަކީލެއްގެ ގޮތުގައި 2018 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ހުސައިން ސާމީ އެވެ.
ޕީޖީ އޮފީހުގައި ސާމީއާ އެކު އެސިސްޓެންޓް ޕްރޮސެކިއުޓާ ޖެނަރަލްގެ މަގާމުގައިވެސް ފަސް ބޭފުޅުން އެބަތިއްބެވި އެވެ.




