ކުވޭތުގެ ފޮރިން މިނިސްޓަރު އަބްދުﷲ އަލީ އަލް ޔަހްޔާގެ ދައުވަތަކަށް ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. އަބްދުالله ޚަލީލް ރަސްމީ ދަތުރުފުޅެއްގައި ކުވޭތަށް ފުރާވަޑައިގެންފި އެވެ.
ކުވޭތުގެ ފޮރިން މިނިސްޓަރު އަބްދުﷲ އަލީ އަލް ޔަހްޔާގެ ދައުވަތަކަށް ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. އަބްދުالله ޚަލީލް ރަސްމީ ދަތުރުފުޅެއްގައި ކުވައިތަށް ފުރާވަޑައިގެންފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ މިނިސްޓަރު މިދަތުރުފުޅުގައި ކުވައިތުގެ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވައި ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކޮށް ބަދަހިކުރުމަށް މަޝްވަރާ ކުރައްވާނެ ކަމަށެވެ. އަދި ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް ބޭނުންވާ އެހީ ހޯދުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ބުންޏެވެ.
މިނިސްޓަރުގެ މިދަތުރުފުޅުގައި ކުވައިތުގެ މިނިސްޓާ އޮފް ކޮމާސް އެންޑް އިންޑަސްޓްރީޒް އާއި، މިނިސްޓާ އޮފް އިންވެސްޓްމަންޓް، އަދި މިނިސްޓާ އޮފް ފިނޭންސާ ސަރުކާރުގެ އެހެނިހެން އިސް ވެރިންނާވެސް ބައްދަލުކުރައްވާނެ އެވެ.
މިބައްދަލުކުރެއްވުންތަކުގައިވެސް ދެ ގައުމުގެ ދެމެދުގައި ވިޔަފާރީ އާއި އިންވެސްޓްމަންޓްގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއި ރާއްޖެއަށް ކުވައިތުގެ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ކުރެވިދާނޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދީފައިވެ އެވެ.
ކުވައިތަކީ ރާއްޖޭއަށް ތަރައްގީގެ ތަފާތު އެކި މަޝްރޫއުތަކަށް އެހީތެރިވެދޭ ގައުމެކެވެ. އެގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއަށް ކުވައިތު ފަންޑް ފޯ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ އެހީތެރިކަން ފޯރުކޮށްދެ އެވެ. މީގެ އިތުރުން ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާ ކުރުމަށްދޭ ކުވައިތުން ދޭ އެހީތެރިކަމަކީވެސް ފާހަގަކޮށްލެވޭ އެހީތެރިކަމެކެވެ.
މިނިސްޓަރު ޚަލީލްގެ މިދަތުރުފުޅުގައި އަރިހުގައި ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ ހަދީޖާ ނަޖީހާ އަދި ޕޮލިޓިކަލް ޑިރެކްޓަރު ފާތިމަތު ނަޝާ އިސްމާއީލް ބައިވެރިވެވަޑައިގަންނަވަ އެވެ.




