ބްރޯޑްކޮމްއަށް ޒީނާ އައްޔަންކުރަން ކޮމިޓީން ފާސްކޮށްފި

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މެންބަރު ކަމަށް ޒީނާ ޒާހިރު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށްފި އެވެ.

ޒީނާ އަކީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައިވެސް ބްރޯޑްކޮމްގެ މެންބަރުކަން ކުރެއްވި ބޭފުޅެކެވެ. އޭރު ޒީނާ އެ މަގާމުން އިސްތިއުފާ ދެއްވީ އޭނާ ވަކިކުރުމުގެ މަސައްކަތް މަޖިލީހުން ފަށާފައި ވަނިކޮށެވެ. މީގެ އިތުރުން ޒީނާ އަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން ދައުލަތުގެ މީޑިއާ ކުންފުނި — ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އެންމެ ފުރަތަމަ އައްޔަންކުރެވުނު ބޭފުޅާ އެވެ. ޒީނާ ވަނީ ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ކަމުންވެސް އިސްތިއުފާ ދެއްވާފަ އެވެ.

ބްރޯޑްކޮމްގެ ނައިބް ރައީސްގެ ގޮތުގައި ހުންނެވި މުހައްމަދު ފަޒީން ކޮމިޝަންގެ މެންބަރު ކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެން އެ މަގާމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން 10 ބޭފުޅެއްގެ ނަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މަޖިލީހަށް ފޮނުއްވާފަ އެވެ.

މަޖިލީހުގެ ތަޅުމަށް އެ މައްސަލަ ހުށަހެޅުމުން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ ކުރިމަތިލެއްވި ބޭފުޅުންނާ އިންޓަވިއު ކުރައްވާފަ އެވެ. އިންޓަވިއުއަށްފަހު ކޮމިޓީން މާކްސް ދިން އިރު އެންމެ ގިނަ މާކްސް ހޯއްދެވީވެސް ޒީނާ އެވެ.

ކޮމިޓީން މާކްސް ދިން އިރު 75 ޕަސަންޓަށް ވުރެ މަތިން މާކްސް ލިބުނީ ފަސް ބޭފުޅަކަށެވެ. އެއީ:

ޒީނާ ޒާހިރު – 85.13 ޕަސެންޓު
އައިޝަތު ޝިޔާނާ – 83 ޕަސެންޓް
ޝިމްލާ އަހުމަދު – 82 ޕަސެންޓް
މޫސާ ރިލްވާން – 81 ޕަސެންޓް
ޒަމްއަތު އަހުމަދު ވަހީދު – 77.50 ޕަސެންޓް
ކޮމިޓީގެ އިންޓަވިއުގައި 75 މާކްސް ނުލިބޭ ބޭފުޅުންނަކީ ހ. ޕްރިޓީވިލާ، މުހައްމަދު ޝަމީމް | ވ. މަށިވެލި، އިބްރާހިމް އަޝްރަފް | ހ. ސަންދަލީގެ، އަހްމަދު ޒާހިރު | ށ. ފީވައް، އޯކިޑުމާގެ، ފާތިމަތު ޒައީމާގެ އިތުރުން ޅ. ހިންނަވަރު، ބާރަނާ، އަލީ ޔޫސުފް އެވެ.

ބްރޯޑްކޮމްގެ މެންބަރެއްގެ ގޮތުގައި ހުންނެވި އާމިނަތު އަމީނާގެ ދައުރު ހަމަވާތީ އެ ގޮނޑިއަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ބައެއް ބޭފުޅުންގެ ނަންތައް މިއަދުވެސް ރައީސް މުއިއްޒު ވަނީ މަޖިލީހަށް ފޮނުއްވާފަ އެވެ. ރައީސް މިއަދު ފޮނުއްވި ލިސްޓްގައި އެއްވަނައިގައި އޮތީ ކުރީގެ ލިސްޓްގައިވެސް ހިމެނޭ ޒަމްއަތު އަހުމަދު ވަހީދު އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *