އެސްޑީއެފްސީން މިދިޔަ އަހަރު 2.78 ބިލިއަން ރުފިޔާގެ ލޯން ދޫކޮށްފި

އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން — އެސްޑީއެފްސީ އިން މިދިޔަ އަހަރު ދެ ބިލިއަން ރުފިޔާއަށް ވުރެ ގިނަ ލޯނު ދޫކޮށްފި އެވެ.

އެސްޑީއެފްސީގެ ހަވަނަ އަހަރީ އާންމު ޖަލްސާގައި އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރު އެކަނި 2.78 ބިލިއަން ރުފިޔާ އެ ބޭންކުން ލޯނުގެ ގޮތުގައި ދޫކޮށްފައިވެ އެވެ.

ދޫކޮށްފައިވާ ލޯންތަކުގެ ތެރޭގައި ހިމެނެނީ ކެޕިޓަލް ލޯނު ޕޯޓްފޯލިއޯއިން ދޫކޮށްފައިވާ 1.736 ބިލިޔަން ރުފިޔާއާއި، އެޑްމިނިސްޓާޑް ލޯނު ޕޯޓްފޯލިއޯ އިން ދޫކޮށްފައިވާ 1.045 ބިލިއަން ރުފިޔާ އެވެ.

ކެޕިޓަލް ލޯނު ޕޯޓްފޯލިއޯއިން މިދިޔަ ފަސް އަހަރު ލޯނު ދޫކުރި ދާއިރާތައް:
ފަތުރުވެރިކަން – 521 މިލިއަން ރުފިޔާ
ކޮމާސް – 509.9 މިލިއަން ރުފިޔާ
މަސްވެރިކަން – 303 މިލިއަން ރުފިޔާ
ދަތުރުފަތުރު – 208.9 މިލިއަން ރުފިޔާ
އުފެއްދުންތެރިކަން – 107.7 މިލިއަން ރުފިޔާ
އިމާރާތްކުރުން – 61.5 މިލިއަން ރުފިޔާ
އިންފޮމޭޝަން ޓެކްނޮލޮޖީ – 13 މިލިއަން ރުފިޔާ
ދަނޑުވެރިކަން – 11.2 މިލިއަން ރުފިޔާ
އެސްޑީއެފްސީ އިން އެޑްމިނިސްޓްރޭޓިވް ލޯނު ޕޯޓްފޯލިއޯ އިން އެންމެ ގިނައިން ލޯނު ދޫކުރީ މަސްވެރިކަމުގެ ސިނާއަތަށެވެ. އެއީ 647 މިލިއަން ރުފިޔާ އެވެ. ކޮމާސް ދާއިރާގައި މަސައްކަތްކުރާ ވިޔަފާރިތަކަށް 230 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު އުފެއްދުންތެރިކަމާއި ފަތުރުވެރިކަމާއި ބެހޭ ދާއިރާއަށްވެސް ލޯން ދޫކޮށްފައިވެ އެވެ.

އެސްޑީއެފްސީގެ ޕޯޓްފޯލިއޯ 180 ރަށަކަށް ފުޅާކޮށްފައިވާއިރު މިދިޔަ އަހަރު ނިމުނުއިރު އެޑްމިނިސްޓާޑް ކޮށްފައިވާ ލޯނު ހިމެނޭހެން 1.13 ބިލިއަން ރުފިޔާ ޖުމްލަ ޕޯޓްފޯލިއޯގެ 44 އިންސައްތަ ދޫކޮށްފައިވަނީ އަތޮޅު ތެރެއަށެވެ.

އެސްޑީއެފްސީއަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި 2019 ވަނަ އަހަރު އުފެއްދި ކުންފުންޏެކެވެ.

އެސްޑީއެފްސީ އުފެއްދި މަގުސަދަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް އަލަށް ފެށުމަށާއި، ހިނގަމުންދާ ވިޔަފާރިތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށާއި އަދި އެފަދަ ވިޔަފާރިތައް އިތުރަށް ތަރައްގީކޮށް ފުޅާކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ދިނުމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *