މުލީ އެއާޕޯޓަކީ ކުރިއެރުން ހޯދައިދޭނެ ދޮރޯއްޓެއް: ރައީސް

މ. މުލީ އެއާޕޯޓަކީ ގިނަ ދާއިރާތަކަކުން ކުރިއެރުން ހޯދައިދޭނެ ދޮރޯއްޓަކަށް ވެގެންދާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މުލީ އެއާޕޯޓް ރަސްމީކޮށް ހުޅުވުމަށް މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވިދާޅުވީ މުލީގެ ތަރައްގީއަށް، އެތައް ދާއިރާއަކުން ކުރިއެރުން ހޯދޭނެ ދޮރޯއްޓަކަށް މުލީ އެއާޕޯޓް ވާނެ ކަމަށާއި ވަކިން ހާއްސަކޮށް އިގްތިސާދީ ކުރިއެރުން ހޯދައިދެނިވި ދޮރޯއްޓެއް ކަމުގައި އެ އެއާޕޯޓް ވާނެ ކަމަށެވެ.

"މާތް ﷲގެ ވާގިފުޅާއެކު މިއަދަކީ މުލީގެ ތަރައްގީއަށް ކުރަން ހުރި ގިނަ ކަންތައްތަކެއްގެ ފެށޭ ދުވަސް. ރަށުގެ މަގު ހެދުމުގެ މަސައްކަތް އަންނަ އަހަރު ފެށިގެންދާނެ. ރީޖަނަލް ހޮސްޕިޓަލް ތަރައްގީކުރުމުގެ މަޝްރޫއު މިހާރު އޮތީ އަމަލީ ގޮތުން މަސައްކަތް ފަށަން ތައްޔާރުވެފައި. އަދި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތްވެސް އަންނަ އަހަރު ފެށޭނެ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މުލީގައި 300 ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫއުގެ ކަންކަން ކުރިއަށް ގޮސް، ޓެންޑަރިން މަރުހަލާގެ ތެރެއިން އެކަންކަން ހަމަޖެހިގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. މުލީގައި 300 ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫއަކީ ރައްޔިތުންގެ އުއްމީދުތަކުގައި، ވަކިން ހާއްސަކޮށް ޒުވާނުންނާއި، ގެދޮރުވެރިކަން ނެތް ފަރާތްތަކުން ކުރަމުންދާ އުއްމީދުތަކުގައި އެތައް ކުލައެއް ޖެހިގެންދާނެ ކަމެއް ކަމަށެވެ. ރައީސްގެ ވާހަކަފުޅުގައި ވަނީ މުއްޔަށް ބަދަލުވާން ބޭނުންވެފައި ތިބި ފަރާތްތަކަށް މަރުހަބާވެސް ވިދާޅުވެފަ އެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ އެއާޕޯޓްތައް ތަރައްގީ ކުރެވި، ބިންހިއްކައި، އުމްރާނީ ތަރައްގީގެ މަސައްކަތްތައް ކުރިއަށް ގެންދެވޭ ރަށްރަށަކީ ސަރަޙައްދީ ގޮތުން ތަރައްގީ ކުރެވޭ ރަށްތަކެއްގެ ގޮތުގައި ބަލައި، އެހެން ރަށްރަށުގެ ރައްޔިތުންވެސް އެކަމުގައި ބައިވެރިވުމަށް އެދިވަޑައިގެންފަ އެވެ.

"ދެމެހެއްޓެނިވި ތަރައްގީ ހާސިލުވާން އޮތީ އެގޮތަށް މަސައްކަތްކޮށްގެން. ރަށްރަށަށް ހިޖުރަކޮށް އާބާދީ އެއްފަސްކުރުމަކީ އެއްބަޔަކު އަނެއް ބަޔަކާ ގުޅިލާމެހިގެން ނޫނީ ނުވާނެ ކަމެއް،" އެމަނިކުފާނު ވިދާޅުވި އެވެ.

ކޯޒްވޭއަކުން މ. މުލަކާއި އެ އަތޮޅު ނާލާފުށި ގުޅާލުމުގެ މަސައްކަތް ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން ފެށިގެންދާނެ ކަމަށާއި އަންނަ އަހަރުގެ ބަޖެޓްގެ ތެރެއިން މ. ނާލާފުށީ ބިން ހިއްކުމާއި ބަނދަރު އަޕްގްރޭޑްކޮށް ބޮޑުކުރުމުގެ މަސައްކަތްތައް ކުރިއަށްދާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ. ކުރިއަށް އޮތް ދެ އަހަރަކީ ތަރައްގީގެ އަމަލީ މަސައްކަތްތައް ބާރު ދުވެލީގައި ކުރިއަށް ގެންދާ، ރައްޔިތުންނަށް ނަތީޖާ ނެރެދެއްވާނެ ދުވަސްތަކެއް ކަމުގައިވެސް ވިދާޅުވި އެވެ.

"ރައްޔިތުންގެ އުއްމީދުތަކުގައި ކުލަޖައްސައި ދިނުމަކި އަޅުގަނޑަށް ލިބޭ އުފަލެއް. އަޅުގަނޑަކީ ރައްޔިތުންގެ ޚާދިމެއް،" އެމަނިކުފާނު ވިދާޅުވި އެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން މުލި އެއާޕޯޓްގެ މަސައްކަތް ފެށީ 2021 ވަނަ އަހަރު އެވެ.

މި މަޝްރޫއުގެ ދަށުން 14 ހެކްޓަރުގެ ބިން ހިއްކާއި، 1،812 މީޓަރުގެ ސަރަހައްދެއްގައި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކޮށްފައިވެ އެވެ. އަދި 1،200 މީޓަރު ދިގު، 30 މީޓަރު ފުޅާ ރަންވޭއެއް ހަދައި، ޓެކްސީވޭއަކާއި އޭޕްރަން ގާއިމުކޮށްފައިވެ އެވެ.

މި މަޝްރޫއަކީ ދިވެހި ދައުލަތުގެ ބަޖެޓުން 221.7 މިލިއަން ރުފިޔާ ހަރަދުކުރާ ގޮތަށް ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *