މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މެންބަރުންނާ މެދު ހިތްހަމަނުޖެހިގެން އެ ކޮމިޝަންގެ މުވައްޒަފުންތަކެއް މަސައްކަތް ހުއްޓާލައި ގެއަށް ހިނގައްޖެ އެވެ.
ސައްތައާ ވާހަކަދައްކަމުން ބްރޯޑްކޮމްގެ ބައެއް މުވައްޒަފުން ބުނީ ކޮމިޝަންގައި މެންބަރުން އަމަލުކުރަނީ "ހިތުހުރި" ގޮތަކަށް ކަމަށާއި މުވައްޒަފުންނާ މެދުވެސް ބޭއިންސާފުން އެތައް ކަމެއް ކުރަމުންދާ ކަމަށެވެ.
މުވައްޒަފަކު ބުނީ އެ ކޮމިޝަންގެ ސެކްރެޓަރީ ޖެނަރަލް މަރިޔަމް ޒީނިޔާ ތިން ދުވަހަށް ސަސްޕެންޑް ކުރަން ކޮމިޝަނުން އިއްޔެ ނިންމީ މުވައްޒަފުންގެ ހައްގުގައި އޭނާ މަސައްކަތް ކުރައްވާތީ ކަމަށެވެ.
"އެސްޖީ ސަސްޕެންޑް ކޮށްފައި އަޅުގަނޑުމެންނަކަށް ނޭނގޭ މިހާރު ކޮމިޝަންގެ އިދާރީ އެންމެ އިސް ބޭފުޅެއްގެ ގޮތުގައި މުވައްޒަފުންނާ ހަވާލުވެ ހުންނެވީ ކޮން ބޭފުޅެއް ކަަމެއްވެސް،" އޭނާ ވިދާޅުވި އެވެ.
ސައްތައާ ވާހަކަ ދެއްކި އިތުރު މުވައްޒަފަކު ބުނީ ކޮމިޝަންގެ ބައެއް މެންބަރުން ބައެއް މުވައްޒަފުންނަކީ ނާގާބިލް ބައެއް ކަމަށް ބުނެ މުވައްޒަފުން ދަށްކޮށްލައިގެން ވަރަށް ބޮޑަށް ވާހަކަދައްކަވާ ކަމަށެވެ.
"އަޅުގަނޑު ވާނެ މި ކޮމިޝަންގައި އެންމެ ދުވަސްވީ އެކަކަށް. މިހާ ދެރަވަރުކޮށް މުވައްޒަފުންނާ މެދު އަމަލުކުރާ މެންބަރުންނެއް ނުދެކެން،" މުވައްޒަފު ބުންޏެވެ.
ބްރޯޑްކޮމްގެ ސެކްރެޓަރީ ޖެނަރަލް ޒީނިޔާ ސަސްޕެންޑް ކުރީ ކޮމިޝަނުން ނިންމާ ނިންމުންތައް ތަންފީޒު ކުރުމަށް އެއްބާރުލުން ނުދޭތީއާއި ކޮމިޝަންގެ މެންބަރުންނަށް އިހްތިރާމު ނުކުރުން ފަދަ މައްސަލަތަކެއް ހުރެގެން ކަމަށް އެނގިފައިވެ އެވެ.
ބްރޯޑްކޮމްގެ މެންބަރުންގެ ނުފޫޒާއި އުނދަގުލާ ހެދި މަސައްކަތް ކުރަން ދަތިވާ ކަމަށް ބުނެ ކޮމިޝަންގެ ގިނަ އަދަދެއްގެ މުވައްޒަފުން ސޮއިކޮށް ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއްވެސް މިހާރު ވަނީ ހުށަހަޅާފަ އެވެ.




