ދައުލަތަށް މި އަހަރުގެ މިހާތަނަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ މި މުއްދަތަށްވުރެ 5.5 ޕަސެންޓް އިތުރުވެއްޖެ އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކުރި "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް" ރިޕޯޓުގައިވާ ގޮތުން މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 14.4 ބިލިއަން ރުފިޔާ ލިބުނެވެ.
އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތަށް ލިބުނީ 13.6 ބިލިއަން ރުފިޔާ އެވެ.
ދައުލަތަށް މި އަހަރު ލިބުނު އާމްދަނީގެ ތެރެއިން 78 ޕަސެންޓަކީ ޓެކްސް އާމްދަނީ އެވެ. އެ ގޮތުން ޓެކްސް އާމްދަނީގެ ގޮތުގައި މި އަހަރު 11.2 ބިލިއަން ރުފިޔާ ލިބުނެވެ.
މީގެ ތެރޭގައި ޖީއެސްޓީގެ ގޮތުގައި ލިބުނު 6.5 ބިލިއަން ރުފިޔާ އާއި ބިޒްނަސް އެންޑް ޕްރޮޕަޓީ ޓެކްސްގެ ގޮތުގައި ލިބުނު ދެ ބިލިއަން ރުފިޔާގެ އިތުރުން އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބުނު އެއް ބިލިއން ރުފިޔާ ހިމެނެ އެވެ.
ޓެކްސް ނޫން އާމްދަނީގެ ގޮތުގައި މި އަހަރު 3.1 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މީގެ ތެރޭގައި ފީ އަދި ޗާޖުގެ ގޮތުގައި ލިބުނު 1.5 ބިލިއަން ރުފިޔާ ހިމެނެ އެވެ.
ޓެކްސް އާމްދަނީ އާއި ޓެކްސް ނޫން އާމްދަނީ އިތުރުވި ނަމަވެސް ހިލޭ އެހީގެ ގޮތުގައި ލިބުނު މިންވަރު ވަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު މި އަހަރު ދަށްވެފަ އެވެ.
ހިލޭ އެހީގެ ގޮތުގައި މިދިޔަ އަހަރުގެ މި މުއްދަތުގައި 236.9 މިލިއަން ރުފިޔާ ލިބުނު ނަމަވެސް މި އަހަރުގެ މިހާތަނަށް ލިބުނީ 93.9 މިލިއަން ރުފިޔާ އެވެ.




